Friday, 22 March 2013


.ދިވެހި މުޖުތަމަޢުގައި އަންހެނުން.

ދިވެހި ރާއްޖޭގެ ތާރީޙަކީ ދިވެހިންގެ ސަޤާފަތާ ، މިނިވަންކަމާ، ސިޔާދަތު އަދި ދިވެހިންގެ އާދަކާދަ ވަރަށްވެސް ސާފު ސީދާކޮށް ބަޔާންކޮށްދޭ، ވަރަށްވެސް ފުރިހަމަ ތާރީޚެކެވެ. ދިވެހިން ދިރިއުޅެމުން އައިގޮތާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަލިއަޅުވާލާއިރު، ދިވެހި ރާއްޖޭގައި އަންހެނުންގެ ދައުރަކީ، އެވޭލާ ޒަމާނުއްސުރެއް ވަރަށް ބޮޑު އަޙައްމިއްޔަތު ކަމެއް ދެވިފައިވާ ދާއިރާއެކެވެ.

ދިވެހި ތަރީޚު ހެކިދޭ ގޮތުގައި، ދިވެހިންނަކީ މެޓްރިއާކަލް ސިސްޓަމް އޮފް ސޮސައިޓީއެއްގައި ދިރިއުޅެމުން އައި ބައެކެވެ . މެޓްރިއާކަލް ސިސްޓަމް އަކީ އެނިޒާމެއްގައި އަންހެނުން ޑޮމިނޭޓް ކުރާ ސިސްޓަމެކެވެ. މީގެ މުރާދަކީ ސޮސައިޓީގައި ބަސް ހިންގާނީ އާއިލާގެ އެންމެ ދުވަސްވީ އަންހެންމީހާގެއެވެ. ވުމާއެކު، ދިރިއުޅުމުގައި ދިމާވަ ބޮޑެތި ކަންތައްތަކުގައި ޙިޔާލުފާޅުކޮށް ޙިޔާލުދީ، މައްސަލަ ހައްލުކޮށް ހަދަނީ އަންހެންމީހާއެވެ. ކުރުގޮތަކަށް ބުނާނަމަ އޮޑީގެ ކައްޕި އަކީ އަންހެނެކެވެ.

ދިވެހިންގެ ތެރޭގައި މިނިޒާމް ފެތުރިގެން ދިޔަ ސަބަބެއް ކަމުގައި ލަފާ ކުރެވެނީ ދިވެހިންގެ ކާބަފައިންނަކީ އިންޑިޔާ ދަރިފަސްކޮޅުން އައިސްފައިވާ ބައެއްކަމުން އަދި ތާރީޚު ބުރަވާ އެތަކެއް ހެކި ތަކެއްގެ އަލީގައި ، އެބައި މީހުންނަކީ ގިނައިން އިންޑިޔާގެ ދެކުނުން އައިސް ވަޒަންވެރިވި ( ކެރެލާ ، ޑްރާވީޑިއަން ) ދަރިފަސްކޮޅުގެ ބައެއްކަމާއި ، މިބައިމީހުންނަކީ މެޓްރިއަކަލް ސިސްޓަމް އެއް  ގެންގުޅޭ ބަޔަކަށް ވުމެވެ .

ދިވެހި ރާއްޖޭގެ ތާރީޚު ހެކިދޭ ގޮތުގައި މިލާދީން 10 ވަނަ ޤަރުނުއްސުރެއް ދިވެހި ރާއްޖެގައި ވެރިކަން ކުރަމުން އައީ އަންހެނުންނެވެ. މަރިޔަމް ކަންބާފުޅު ( އެންދި މަރިޔަންބު) އިން ފެއްޓިގެން ރެހެންދިޙަދީޖާ ( 1340 - 1380 ވަނަ އަހަރާހަމައަށް ) ރާއްޖޭގައި ވެރިކަން ކުރީ އަންހެނުންނެވެ. މިއީ  މިބުނެވުނު މެޓްރިއާކަލް ނިޒާމުގެ ނުފޫވުކަން ޔަޤީނެވެ.       

ރަސްރަސްކަލުންގެ ދައުރު ނިމި ދިވެހިރާއްޖޭގައި ޖުމްހޫރިއްޔާއެއް ޤާއިމުވެ، ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލޭގެ ފާނުނުވަނީ ދިވެހި އަންހެނުންގެ ތަރައްޤީއަށް ޓަކައި ނުހަނު ބޮޑެތި މަސައްކަތްތަށް ފައްޓަވާފައެވެ. އެގޮތުގެ މަތީން ސަނިއްޔާގެ ނަމުގައި ފުރަތަމަ ފަހަރަށް ހަމައެކަނި އަންހެން ކުދިންގެ ސްކޫލެއް ޤާއިމު ކޮށް އެތަނުގައި ކިޔަވާދޭން ފެއްޓެވީ މިދައުރުގައެވެ. ތައުލީމު އުންގެނުންވީ ތަރައްޤީގެ ބިންގާކަމުގައެވެ. މުޙައްމަދު އަމީންގެ މަސައްކަތްޕުޅުން ދިވެހި އަންހެނުންނަށް ވަޒީފާގެ ފުރުޞަތު ފުޅާވެގެން ދިޔައެވެ. ދިވެހި ރާއްޖޭގެ ދެވަނަ  ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަލް މަރްޙޫމު އިބްރާހީމް ނާޞިރުވެސް މިމަގުން ހިންގަވާ ދިވެހި އަންހެހުންގެ ތަޢުލީމު ކުރިއެރުވުމުމަށް ކޮށްދެއްވި މަސައްކަތުގެ ފުރިހަމަ ނަތީޖާ އެއްގެ ގޮތުން އަލްއުސްތާޒް މައުމޫނު އަބްދުލް ޤައްޔޫމުގެ  ވެރިކަމުގައި ދިވެހި ރާއްޖޭގައި 100 އިން ސައްތަ ލިޔަންކިޔަންދަންނަ މީހުން ދިރިއުޅޭ ޤާއުމަކަށް ވެގެން ދިއުމެވެ.                     

ތެދެކެވެ. ތައުލީމަކީ ފުރަތަމަ ބިންގާއެވެ. އެހެނެއް ކަމަކު ، ޤަބޫލުކުރަންޖެހެ ހަޤީޤަތަކީ ދިވެހި ރާއްޖޭގައިވެސް އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް، އަންހެނުންނަކީ ދިރިއުޅުމުގައި އެތަކެއް ގޮންޖެހުންތަކަކާއި، ފިއްތުންތަކަކާއި ކުރިމަތިލާންޖެހޭ ބައެއްކަމެވެ. ކުޑަކުޑަ ނިޔަނެތި ކުއްޖެއްގެ ގޮތުގައި މިދުނިޔެއަށް އަންނަ ހިންދުވެސް ނަފްރަތުގެ އަންދަވަޅަކަށް ވެއްޓެނީ އަންހެން ކުއްޖަކަށް ވިތީއެވެ. ހިތާމައަކި މަދުން ނަމަވެސް ރާއްޖެގައިވެސް މި ކަން މިގޮތަށް ހިންގާކަމެވެ.                                                   
އަންހެންކުއްޖާ ބޮޑުވެ ތަސައްވަރު ފުދުމުން ގިނަ ބެލެނިވެރިންގެ ވިސްނުމަކީ އެކުއްޖާއަށް ލަސްނުވެ ޙަޔާތުގެ ބައިވެރިއެއް ހޯދުމަށް ޕްރެޝަރ ކުރުމެވެ. އަންހެންކުއްޖަކަށްވީތީތޯއެވެ.؟ 
ކޮންމެ އަންހެން ކުއްޖަކުވެސް ޒަވާޖީ ހަޔާތެއް ފައްޓަނީ ވަރަށް ފޮނި އުއްމީދު ތަކަކާއި ހުވެފަން ތަކަކާއެކު ، ބާއްޖަވެރި ސުލްހަވެރި ދިރިއުޅުމެއް ފެއްޓުމަށެވެ. އެހެނެއް ކަމަކު ދިވެހި މުޖުތަމައުގައި އަނެހެހުންނަށް ކުރެވޭ އަނިޔާ،  ގެވެހި އަނިޔާ ، ޖިންސީ ގޯނާ އަދި ނަފްސާނި ޓޯޗަރ އަކީ މިހާރު ކަންބޮޑު ވާހާ ވަރަށް ގޯސްވެފައިވާ ކަމެވެވެ.

 2010 ވަނަ އަހަރުގައި މިނިސްޓްރީ އޮފް ޖެންޑާ އިން ، ޔޫއެންއެފްޕީއޭ ، ޔުނެކެސްކޯ އަދި ޑަބްލިއު އެޗް އޯ އާއި ގުޅިގެން އެކުލަވާލާފައިވާ ރިޕޯޓެއްގައިވާ ގޮތުން ދިވެހި ރާއްޖޭގެ އަންހެނުންގެ އާބާދީގެ %36 އަންހެނުންނަކީ ޙަޔާތުގެ ކޮންމެވެސް ހިސާބަކުން ޖިންސީ ގޯނާއެއް ނުވަތަ ޖިސްމާނީ އަނިޔާއެއްގެ ޝިކާރައަކަށް ވެފައިވާ ބައެވެކެ. މީގެ ތެރެއިން %19 އަކީ 15 އަހަރުން ދަށުގެ ކުދިންނެވެ.                                                     

މިއީ އަޅުގަނޑުމެން ކަންބޮޑުވެ ހާސްވާންޖެހޭ ވަރުގެ އަދަދެކެވެ. ކުއްޖާގެ އުމުރުން 15 އަހަރު ނުވަނީސް ކުރިމަތިވާ މިނޭދެވޭ އަމަލުގެ ސަބަބުން ލިބޭ ޖިސްމާނީ ތަދަށްވުރެއް ނަފްސާނީ ގެއްލުން މާ ބޮޑެވެ.                                                

އެހެނެއް ކަމަކު މިއަދު އަޅުގަނޑުމެންގެ ތެރޭގައި އާއްމު ކޮށް އިވޭ އެއް އަޑަކީ " ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކޮށްގެން މައްސަލަ ބަލަމުން" ދާ ވާހަކަ އެވެ. ގެވެށިއަނިޔާގެ ޝިކާރައަކަށް އަންހެހުންނާއި، ކުޑަކުދިން ވެގެންދާ ވާހަކައެވެ.                                                                                        
 ކޮންމެއަކަސް، އިސްލާމްދީނުގައި އަންހެނުންނާއި ފިރިހެނުންނަކީ ހަމަ ހަމަ ބައެކެވެ.      މާތް މި ދުނިޔެގައި އިންސާނާ ލެއްވި އެއްބިމެއްގައެވެ. އެކަލާންގެ ވަޙީ ކުރެއްވި އާޔަތެއްގެ މާނާގައިވެއެވެ "އަދި މުއުމިނެއްކަމުގައި ވެގެންހުރެ ފިރިހެނުންނާއި އަންހެނުންގެ ތެރެއިން ހެޔޮޢަމަލު ކުރާމީހާ ދަންނާށެވެ. ފަހެ އެއުރެން ސުވަރުގެ ވަންނަވާނެތެވެ. އަދި ކިތަންމެ ކުޑަ މިންވަރަކުންވިޔަސް އެއުރެންނަށް އަނިޔައެއް ނުކުރައްވާ ހުއްޓެވެ."                    

އިންސާނާ އަނެކާއަށް ވުރެއް މަތިވެރި ވަނީ ތަޤުވާވެރިކަމުންނެވެ. ދެންވެސް ވަޙީ ކުރައްވަފައިވާ އާޔަތެއްގެ މާނާގައިވެއެވެ ،                                          
" އޭ މީސްތަކުންނޭވޭ ،ހަމަކަށަވަރުން ތިމަންރަސްކަލާންގެ ތިޔަބާމީހުން ހެއްދެވީ ފިރިހެނަކާއި އަންހެނެއްގެ ކިބައިންނެވެ. އަދި ތިމަންރަސްކަލާންގެ ތިޔަބާމީހުން ތަފާތު ޤައުމު ތަކަށާއި ޤަބީލާތަކަށް ލެއްވީ ތިޔަބާމީހުން އެކަކު އަނެކަކަށް ތަޢާރަފް ވުމަށްޓަކައެވެ. ހަމަކަށަވަރުން ﷲގެ ހަޛްރަތުގައި އެންމެ މާތްކަންބޮޑީ ތިޔަބާމީހުންގެ ތެރެއިން އެންމެ ތަޤުވާވެރި މީހާއެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ޙަބީރު ވަންތަ ރަސްކަލާންގެ އެވެ. "
 ވީމާ މުއުމިނުންގެ ތެރެއިން ހެޔޮ އަމަލު ކުރާ މީހުންނަށް ބާއްޖަވެރި ކަމާއި ސަވާބު ދެއްވާވެކަމާއި ، ނުބައި އަމަލު ކުރާ މީހުނަށް ނަރަކާގެ ވެންދެނިވި އަޒާބު ދެއްވާނެ ކަން އަންގަވާފައިވާނި އެއްވެސް ޖެނޑާ ބައެސް ކަމެއް ނެތިއެވެ. ޞަވާބާއި ދަރުމަ ދެއްވުމުގައި އަނހެނުންނާއި ފިރހެނުން ހަމަހަމަ އެވެ.                                           


ވުމާއެކުވެސް ، މި ދުނިޔޭގައި ފިރިހެނުން އަންހެނުންގެ މައްޗަށް ބާރުދައްކާ ދެރަ ނިކަމެތޮ ހާލަތަށް ދޫކޮށްލަނީ ކީއްވެބާއޭ ވިސްނާލަން ޖެހެއެވެ.                             
އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމް ދީނުގައި އަންހެނުންގެ މަޤާމާއި އަންހެނުންނަށް ދެވިފައިވާ ޙާއްސަ ކަން ވަރަށް ސަރީޙަކޮށް ބަޔާންވެއެވެ. އެހެނީ އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ އެކަލޭގެ ފާނަށް އިސްލާމީ ހިދާޔަތުގެ އެންމެ ފުރަތަމަ އިލްޙާމު ނުވަތަ ﷲ ގެ ވަޙީ ބަސްފުޅު ލިބިވަޑައިގަތުމުން އެކަން ހިތުގެ އަޑިން ޤަބޫލުކޮށް އިސްލާމްވެ ވަޑައިގަތީ އެކަލޭގެ ފާނުގެ އަންބިކަނބަލުން ޙަދީޖަތްގެ ފާނުންނެވެ. މުޅި އުއްމަތަށް ހިދާޔަތެއް ކަމުގައި ބާވާލެއްވި ފޮތް އެންމެ ފުރަތަމަ ތެދުކޮށް ޢީމާން ވުމުގެ ޝަރަފް ލިބިވަޑައިގަތީ އަންހެން ބެކަންބަލަކަށެވެ. ހަމަ އެބީދައިން އެކަލޭގެފާނުގެ ދެވަނަ އަނބިކަނބަލުން  ސިއްތުނާ ޢާއިޝަތުގެފާނުންނަކީ ފިޤުހު އިލްމު ދެނެވަޑައިގެން ހުންނެވި އެހާމެ ވިސްނުންތޫނުފުޅު ބޭކަންބަލެވެ.އިސްލާމީ ހަޟާރަތުގައި އުފެދުނު އެންމެ ފުރަތަމަ މަދަރުސާ ، މަސްޖިދުއް ނަބަވިގައި އެކުލަވާލި އެކަމަނާއެވެ.     

މިކަމުން އަޅުގަނޑުމެނަށް ދޭހަވާ އެންމެ ބޮޑު އެއް ހަޤީޤަތަކީ ބުއްދީގެ ފުރިހަމަ ކަމަށް ވިޔަސް އިޖްތިމާއީ ކުޅަދާނަ ކަމަށް ބެލިޔަސް އަންހެނުންނަކީ ޤާބިލް ،ކުޅަދާނަ ، އަދި ފިރހެނުންނާއި އެއްސަފެއްގައި ފައިތިލަ ސާބިތު ކުރެވޭނެ އަދި ކުރަންޖެހިފައިވާ  ބައެއްކަމެވެ.                          
މިހެން ވުމާއެކު ދެން އުފެދޭ ސުވާލަކީ އަންހެނުންނަށް މިކުރިމަތި ކުރާ ފިއްތުންތަކާއި ގޮންޖެހުންތަކާއި އަނިޔާ ތަކަކުގެ މައިގަނޑު ސަބަބަކީ ކޮބައިތޯއެވެ. ދާދި މިދާ ދުވަހަކު ޕާކިސްތާނުގެ އަންހެންނުންގެ ތައުލީމަށް ބާރު އަޅާ ފާޅުގައި ހިޔާލުފާޅުކޮށް ހެދި  12 އަހަރުގެ އަންހެން ކުއްޖެއްގެ ބޮލަށް ތާލިބާން ހަނގުރާމަވެރިން ބަޑިޖަހާ އެކުއްޖާ މަރުގެ މިޔަމައްޗަށް ވައްޓާލި ލަދުވެތި ، ބިރުވެރި ހާދިތާ ލޯ ކުރިމަތީގައި ތަކުރާރު ނުވެތޯއެވެ.

ދިވެހި މުޖުތަމަޢުއަކީ ސައްތަ އިން ސައްތަ އިސްލީމީ މުޖުތަމަޢެކެވެ. އިސްލާމް ދީނަކީ އޯގާވެރި ހަމަ ހަމަ ކަމަށް ގޮވާލާ އަދުލަށް ލޯބި ކުރާ ދީނެކެވެ.
އަޅުގަނޑުމެން މުސްލިމުންގެ އަޤީދާ ބިނާވެފައި އޮންނަންޖެހޭ ބިންގާ؛ ކީތިރި ޤުރުއާނުގައި ބަޔާންވެ ، ނުހައްޤުން އެއްވެސް އަންހެނަކަށް ، ކުޑަކުއްޖަކަށް އަނިޔާ ކުރާކަށް ގޮވައެއް ނުލައްވައެވެ. އެއީ ގަދަ ކީރިތި ވަންތަ ﷲ ގެ ހައްޤު ބަސްފުޅެވެ،އަޅުގަނޑުމެންގެ ހިތުގައި ބިންވަޅު ނެގިފައި އޮންނަންޖެހޭ ހަޤީޤީ ބަސްފުޅުތަކެވެ.

ދެންބައްލަވާށެވެ. އިސްލާމްދީނުގެ ދެވަނަ މަސްދަރު ކަމުގައިވާ ރަސޫލާގެ ސުންނަތަކީ އެކަލޭގެ ފާނުނ ބަސްފުޅުތަކާއި، ކަންކުރެއްވި ގޮތާއި، އަދި ހުއްދަކުރެއްވިކަންތައްތަކެވެ. އެކަލޭގެފާނުގެ ސުންނަތުގައި އެއްވެސް އަންހެނަކަށް ގޯނާ ކުރުމާއި ، އަނިޔާކުރުމަށް ގޮވާލާފައެއް ނުވެއެވެ. އަނަސްގެފާނުން ރިވާކުރެއްވި ހަދީޘް ފުޅެއްގެ މާނައިގައި ވެއެވެ .
" އެއް މުސަލިމަކީ އަނެއް މުސްލިމެއްގެ އަޚާއެވެ.އެނާއަށް އަނިޔާވެރިވުމެއް ،އަނިޔާގެ މައްޗަށް ދޫކޮށްލުމެއް އަނެކާއަކަށް ނުވެއެވެ......" ( ސަޙީޙު އަލް ބުޚާރީ )

ކަންހުރީ މިހެނެއް ކަމަކު ، ހިތާމައަކީ، ދިވެހި ރާއްޖޭގައި ވެސް  އަދި ދުނިޔޭގެ އެހެން ޤައުމު ތަކުގައިވެސް ، އަންހެހުންނަށް ކުރާ އަނިޔާ މަދު ނުވާކަމެވެ. މިއީ ހަޤީޤަތުގައި މުޖުތަމަޢުގެ އެންމެ ބޮޑު އެއް ފެއިލިއަރ ކަމުގައި ވެދެއެވެ. ބަދަލު ކުރަން ބެނުންނުވާ ކޮންޒަވޭޓިވް ސްޓީރިއޯޓައިޕް ވިސްނުމެވެ.                                                     

ދެނެގަންނަން ޖެހޭ މައިގަނޑު އެއް ނުކުތާ އަކީ ގެވެހި އަނިޔާ ހުއްޓުވޭނީ އަންހެހުންނާއި ފިރހެނުން އެކުގައި މަސައްކަތް ކޮށްގެންނެވެ. އަންހެނުންނަށް ކުރިމަތިވާ  ދުއްތުރާ ތަކާއި އަނިޔާ ތަކުން އަންހެނުން ސަލާމަތް ކުރެވެނީ އަންހެނުންނަށް އިޖްތިމާއީ އަދި ތަޢުލީމީ މިނިވަންކަމާއި ފުރުޞަތު ހުޅުވިގެންނެވެ. މަގުމަތީގައި މިނިވަންކަމާއެކު އެއްވެސް ބިރެއްނެތި ހިންގާ ބިންގާވެ އުޅެވެނީ މިއަށްވުރެއްވެސް ބޮޑަށް ދިވެހި މުޖުތަމައު ހެލުންތެރިކޮށްގެންކަން ކަށަވަރެވެ. ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައެވެ..                             

ދިވެހި މުޖުތަމައަށް އަދަށްވުރެ ފެހި މާދަމާއެއް މިންވަރު ކުރަށްވާށިއެވެ.                              


  

No comments:

Post a Comment