Friday, 12 April 2013


އިއްޒަތުގެ ތަޙުތާއި ތާޖު
2013 ވަނަ އަހަރުގެ ރިޔާސި އިންތިޚާބަށް އެންމެހާ ދިވެހިން ހީވާގި ކަމާއެކު މަސައްކަތް ކުރަމުންދާއިރު އަޅުގަނޑު ހިތަށް އަރަނީ ވެރިކަމަކީ ދެން ހާދަ ކުރަން ފަސޭހަ ކަމެކެވެ!
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން މައިދާނަށް ނިކުމެ ތިއްބެވި ކެންޑިޑޭޓުން ތަކަށް ބަލާލުމުން ، ދިވެހިރާއްޖޭގައި ކަމުވޮށިގެންވާ ، ކުޅަދާނަ ، ޢިލްމުވެރި ، ޝަހުސިއްޔަތު ވަރުގަދަ އެތަކެއް ބައެއް ތިބިކަން ހާމަވެއެވެ.
މިއެންމެ ތަކުންވެސް ހާމަކުރަމުންދަނީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ވެރިކަން ލިބިއްޖެނަމަ ކުރަން ކަނޑައެޅިފައި ހުރި ކަންތަކާއި ކުރަން ބޭނުންވާ ކަންތަކާއި އެތަކެއް ފޮނި އުއްމީދު ތަކެކެވެ. ވަމުންދަނީ އެތަކެއް ވަޢުދު ތަކެކެވެ. ކުރަމުންދަނީ އެތަކެއް ހުވައު ތަކެކެވެ.
ޝައްކެއްނެތް ގޮތުގައި ދިވެހިރާއްޖެ ނޫނަސް ދުނިޔޭގެ ނިސްބަތުން ހުރިހާ ރިޔާސީ ނިޒާމުގެ ދަށުން ހިންގާ ހުރިހާ ވެރިކަމެއްގައިވެސް އިންތިޚާބާ ކުރިމަތިކޮށް ރައްޔިތުންނަށް ވަރަށް ގިނަ ފަރާތްތަކުން ވަރަށް ގިނަ ވަޢުދުތަށް ވެވަޑައިގެން އެވަޢުދުތަށް ހުވަޔަށް ބަދަލު ކުރައްވާ ، ހަމަ މިބީދައިން އެންމެހާ ރައްޔިތުންނަށް ހުވަފެންވެސް ދައްކުދައިދީ ހަދާފައިވެއެވެ. މިއީ ކައުނުގެ ނިޒާމެވެ. ޤުދުރަތީ ޤާނޫނު ތޯއްޗެކެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފާއިވާ ޤައުމުތަކުގެ ތެރެއިން  އެމެރިކާއަށް ބަލާލާއިރު މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކެންޕެއިން ކުރައްވަމުން ވަޑައިގެން އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ބަރަކް އޮބާމާގެ ސްޕީޗަށް ވިސްނާލަމާތޯއެވެ. އޭނާވެސް އޭނާގެ ތަޤުރީރުގައި ފިސާރި ގިނަ ވަޢުދުތަކެއް ވެވަޑައިގަތެވެ. އިޖްތިމާޢީ އިގްތިޞާދީ ، ސިއްޙީ ، ތަޢުލީމީ ، އެނާޖީ އަދި އެމެރިކާގެ ޚާރިޖީ ސިޔާސަތުތަށް ވަރުގަދަ ކުރުމަށް އޮބާމާ ވަނީ ވަރަށްބޮޑު އަހައްމިއްޔަތެއް ދެއްވާފައެވެ.  
ދިވެހި ރާއްޖޭގެ ރިޔާސީ އިންތިޚާބަށް އަލިއަޅުވާލާއިރު ، މިއަދުގައި މިފެންނަމުންދާ މަންޒަރުތަކުން ، ބައެއް ވަޤުތު ތަކުގައި އުފަލުން ހިނި އާދެއެވެ. ، އަނެއްބައި ވަޤުތު ތަކުގައި ،ދެރަވެ ކަރުނަ އަޅާ ކަންބޮޑުވާންވެސް ޖެހޭ ފަދަ މަންޒަރުތައް ފެނިގެން އެބަދެއެވެ. މިއީ އަދި ފެއްޓުމުގެ މަލަ މައްޗެވެ. އަސްލުގައި ފެއްޓިގެން ނިމޭއިރު އަޅުގަނޑުމެންގެ ހާލަތަކީ ކޮބާތޯއެވެ.
މިއަހަރުގައި އިންތިޚާބުގައި ވާދަ ކުރައްވަން މައިދާނަށް ނިކުމެ ތިއްބެވީ ، ކަންތައްތައް ކުރެވޭ ، ކުރަން ބޭނުންވާ ، ކުރެވޭނެ ، އެހެނެއްކަމަކު ، ރިޔާސީ އިންތިޚާބާ ހަމައަށްވެސް ނުކޮށް ތިއްބެވި ބޭފުޅުންތަކެއްކަން އެބޭފުޅުންގެ ކެންޕޭނު ތަކުން އިވޭ އަޑުތަކުން ސާބިތުވެއެވެ.
ބައެއް ބައެއް ބޭފުޅުނުން ، އެބޭފުޅުންނަކީ އެންމެ މަތިން ހިސާބު ޢިލްމު އުންގެނި ވަޑާއިގެން ތިއްބެވި ބޭފުޅުންނޭ ، އަނެއްބޭފުޅަކީ އެންމެ މުއްސަނދިބޭފުޅާއޭ ، އަނެއް ބޭފުޅަކު އެއީ އެންމެ މޮޅު އިކޮނޮމިސްޓޭ ވިދާޅުވެ މިދައްކަވަމުންދާ ވާހަކަ ތަކާއި ކައްކަމުންދާ ހިޔާލީ ފޮލާ ވަރަށް ގިނަވެއްޖެއެވެ. އެހެނަސް މިބޭބޭކަލުންގެ ހުނަރުތަކަކީ މީއީކަމަށް ވާހިންދު ، އަދާ ހަމައަށް ، މި ޤައުމަށްޓަކައި އެހުނަރު ބޭނުން ކުރައްވާފައިވަނީ ކޮން ކޮން ގޮތަކުންތޯ ވިސްނާލުން ޖާއިޒެވެ. މި ދަން ނަވަނީ މިބޭފޫޅުންގެ ތެރޭގައި ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީ ، ބޯހިޔާ ވަހިކަން ހޯއްދަވާ ދެއްވާ ، ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް މުޖުތަމަޢު އެބޭފުޅަކަށް ފަޚުރުވެރިވާ ބޭބޭކަލުން ތިއްބެވިކަން ނަޒަރު އަންދާޒު ކުރުމުގެ ނިޔަތެއްގައި ނޫނެވެ. އެބޭފުޅެއްގެ ދީލަތި ކަމުން ދިވެހިން ޝުކުރުވެރިވާ ، ދުވަހަކުވެސް ހަނދާނުން ނުނެތޭނޭހާ ގިނަ، ޚިދުމަތްތައް އެތައް އެތައް ގޮތަކުން ފޯރުކޮށްދީފައިވާ ދިވެހި ދަރިއެއް އެބޭފުޅުންތެރޭގައި ވެއެވެ. އެހެނަސް އެބޭފުޅާ ވެސް އަދި ދިވެހި އެހެން ދަރީންވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ކިތައްމެ ގިނަ ފައިސާ އަތުގައި ހުއްޓަސް ކުރަން ފަސޭހަ ނަމަވެސް ވެރިކަމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ފައިސާ އަކީ "ބިޒިނަސް" ގެ ދުނިޔޭގައި އެންމެ ބާރުގަދަ އެއް ހަތިޔާރު ކަމުގައި ވިޔަސް، ޤައުމެއްގެ ވެރިއެއްގެ އަތުގައި އޮންނަންޖެހޭ އެންމެ ބާރުގަދަ ހަތިޔާރަކީ ހަމަ އެކަނި ފައިސާއެއް ނޫނެވެ.
މިހިސާބު އަޅުގަނޑުގެ ހިތަށް ވަންނަނީ ނައިފަރު ދޮހޮއްކޮގެ ލަވަ އެއްގައި އޭނާ ކިޔުއްވަފައިވާ ބައިތެކެވެ " ވިދާހާ ކޮންމެ އެއްޗެއް އެއީ ޚާލިސް ރަނޭ ބުނާނީ ކާކު "  ތެދުފުޅެއް ނުންތޯއެވެ. ފައިސާވެރި ކޮންމެ ކޮންމެ މީހަކީ ވެރިކަމަށް ކުޅަދާނަ ބައަކަށް ނުވެދާނެނޫނަތޯއެވެ. އެންމެހާ ރައްޔިތުން ހިތްހަމަ ޖައްސުވާދޭން ދަންނަ ވެރިއަކަށް ވުމަކީ ވަރަށް ވެސް ދަތި އުނދަގޫ ކަމެއްކަން ޔަޤީނެވެ. ކިތައްމެ ގިނަ ފައިސާއެއް އަތުގައި ހުއްޓަސް ތަރައްޤީއެއް ގައިމެއް ނުވާނެއެވެ. ތަރައްޤީއެއް ބޭނުންނަމަ ގެންނަން ޖެހެނީ މާލީ ބަދަލެއް ނޫނެވެ. ސިޔާސަތު މޮޅު ސްޓްރެޓެޖިކް ބަދަލެކެވެ.ބުއްދިވެރި ނިންމުން ތަކެކެވެ ހުނަރުވެރި ކެބިނެޓެކެވެ. ސާދާގަރުންތަކެއް ނޫނެވެ.
ދެންތޯއެވެ. ދެންއޮތީ އަޅުގަނޑުމެންގެ މެދުގައި އެނގި ހާމަވަމުންދާ ސިޔާސީ ފިކުރުތަކެކެވެ. އެނގި ހާމަވެގެންދާ ގޮތްތަކެކެވެ. އެއީ ނެޝަނަލް ހެލްތް ސާރވިސް އެއް ޤާއިމް ކުރުން ކަމުގައި ވިޔަސް ، ތަރައްޤީގެ މަގުގައި ހިޔާލީ ފޮލާ ކެއްކުން ކަމުގައި ވިޔަސް މެއެވެ. ކޮންމެ ޙާލަތެއްގައިވެސް ، ހާމަވަމުންމިދަނީ، މީގެ ތެރެއިން ބައެއް ބައެއް ބޭފުޅުން ރައްޔިތުން މަޖިލީހުގެ ގޮނޑި ތަކުގައި ތިއްބަވާގެން ، އިމްތިޔާޒުގެ ބިލުން ލިބިދޭ ވައިރޯޅިއެއްގެ ހިޔާވަހިކަމުގައި ތިއްބަވާއިރު ، އެހެން ރައްޔިތުން ބަނޑުހާނޫހު ކަމާއި ގަދަ އަވީގައި ހޭބޯނާރާ މައްސައްކަތް ކުރަމުން ދާތަން މިބޭބޭކަލުންނަށް ފެނިވަޑައި ނުގަންނަވާތަނެވެ. އެބޭކަލުންނަށް އެގޮނޑިތަކުގައި އިށީންދުމުގެ ފުރުސަތު ލިބިވަޑާއިގެންނެވި އިރުވެސް  ރައްޔިތުންގެ ހާލަތު އޮތީ މިހެނެވެ، ސިއްޙީ ދާއިރާގައި ޙާލަތު އޮތީ ދެރަކޮށެވެ. އެބޭކަލުންގެ ދައުރު ހަމަވެގެން ނިމޭތަން މިހާރު މިފެންނަނީއެވެ. ހެލްތު ސްކީމަކީ ހަމައެކަނި ރިޔާސީ އިންތިޚާބަށް ރައްޔިތުން ބޭނުންވާ ހެލްތް ސްކީމެއް ބާވައެވެ.
މިފަދަ އެތަކެއް ވައުދު ތަކެއް ވެވަޑައިގެން މެނިފެސްޓޯގައި  ގަދަ ކަޅުން ކުރަހާ ބަސްތައް އަމުނާ ލެވިދާނެއެވެ. ނަމަވެސް ކޮށްލަން ޖެހޭ ސުވާލަކީ ދިވެހި މުޖުތަމައު މިއަދު އޮތް ހާލަތަށް އަލިއަޅުވާލާއިރު ބޭނުންވަނީ އިތުރު ނަރުދަމާގެ ނިޒާމެއްތޯއެވެ. އިތުރު ގެސްޓު ހައުސް އެއްތޯއެވެ. ؟  އިރުތު ސްކީމެއްތޯއެވެ، ޤައިމުވެސް މިއީ ގެނެސް ގަންނަން ފަސޭހަ ބަދަލުތަކެކެވެ . އެކަމަކު އަޅުގަނޑުމެން މިއަދު ފެންބޮވާގެންފައި މިވަނީ އަމާން މުޖުތަމައަކަށް ، ކުށްވެރިން މަދު ، އިންސާފުވެރި އަމަން އަމާންކަމަށް ލޯބި ކުރާ މުޖުތަމައަކަށެވެ.
ދެން ހުރި ޔަޤީނާ ޤާތުން ކަށަވަރު ބޭފުޅެކެވެ. ޔަޤީންވެ ކަށަވަރުވަނީ ކޮން ކޮން ކަންކަންތައްތަކެއް ކަމެއް ހަމަ ދެނެވޮޑިގެން ވާނީ ޚާލިގުލް ކައުނައިނިއެވެ.އެބޭފުޅެއްގެ ފަހަތް ޕުޅުގައި ވެރިކަމުގެ އާރާބާރު އަދި ޝާނާއި ޝައުކަތު ލިބިވަޑައިގެން ތިއްބެވި ތަޖުރިބާކާރުންތަކެއް ވާތީ ލިބިވަޑައިގެން އެޅުއްވާ ޔަޤީންކަމެއް ކަމަށް ވެދާނެއެވެ. ކޮންމެއަކަސް މިބޭފުޅުން ކަށަވަރު ކޮށްދެނީ މަސް ބޭނިޔަސް ، ނުބެނިޔަސް ، މަސްވެރިންނަށް މުސާރަ ލިބިގެންދާނެކަމާއި ، ހެޔޮ އަގުގައި ތެޔޮ ހޯދައިދެނެކަމާއި ، ޒުވަނުން އިސްލާހު ކުރުމަށް ވަރަށް ބޮޑު އަހައްމިޔަތެއް ދެއްވާނެ ކެމެވެ. ކޮންމެއަކަސް ދިވެހި ބިމުން ތެޔޮ ހޯދޭނެ ކަމުގެ ޔަޤީންކަން މިބޭފުޅުން މިހާރު އަރުވަމުންދާއިރު ، އަނެއް ބަޔަކު ކުރަމުންދާ ސުވާލަކީ މިހާ ފައިދާހުރި މައުދަނެއް ދިވެހި ބިމުން ލިބޭނެކަން އެނގިހުރެ މިހާދުވަހު އެމައުދަން ހޯދުމަށް މަސައްކަތްޕުޅު ނުކުރެއްވީ ކީއްވެގެންބާވައެވެ.  
ކޮންމެއަކަސް ތެދުފުޅެކެވެ.
ކުރިންވެސް ބަޔާން ކުރެވުނު ބީދައިން ދިވެހި މުޖުތަމައު އެދި ގޮވަނީ އިސްލާހަކަށެވެ. އަމަނަކަށެވެ. މި މުޖުތަމައުގެ ގިނަ އަހުލުވެރިންނަކީ ޒުވާނުން ކަމުގައި ވެފައި ޒުވާނުންނަށް ފޯރުކޮށްދޭން ޖެހޭ އެކިއެކި ޚިދުމަތްތަކާއި ވަސީލަތްތަށް ނެތުމުގެ މައިގަނޑު އެއް ނަތީޖާ އަކީ މިބައިމީހުން މުޖުތަމައަށް ގިނަވުމެވެ.
ވަޒީފަގެ ދަތިކަން އިހުނަށް ވުރެއް ހާސްގުނަ ބޮޑުވެފައިވާ ވަޤުތެއްގައި ، ޒުވާނުންތަކެއް ،ވަޒީފާއެއް ނުލިބި ، ކުރަން ބޭނުންވަ ކަންތައްތަށް ކުރާނޭ ވަސީލަތެއް ނުލިބި އެހެންމި މުޖުތަމަޢުގައި އެންބުރެން ޖެހުމުގެ ނަތީޖަ އަކަށް ވަނީ، ނޭދެވޭ ޢަމަލު ތަކާއި މަސްތުވާ ތަކެތީގެ ޝިކާރައަކަށް އެމީހުން ވެގެން ދިއުމެވެ.
އަދުގެ ޒުވާނުންނަކީ މާދަމާގެ މުސްތަޤުބަލެވެ. ވުމާއެކު ޒުވާނުންނަށް މުޖުތަމަޢުގައި ކުރިއެރޭނޭ ގޮތްތަށް ފަހި ކޮށްދީ އެމީހުންގެ ހުނަރުތަކާއި ހިޔާލުތަށް ހިއްސާ ކުރެވޭނޭ ނިޒާމުތަށް ހަމަޖެހިފައި ހުރުމީ ގައިމުވެސް ، ވަރަށް ފައިދާހުރި ވިޔަފާރިއެކެވެ.
ވޭތުވެދިޔަ ވެރިކަމުގައިވެސް ، އަދި މިހާރު ހިނގަމުންދާ ވެރި ކަމުގައިވެސް ، ޒުވާނުންނަށް ދޭންޖެހޭ މުހިއްމުކަން ވަރަށް ބޮޑަށް ކުރިއަރުވާފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.އެގޮތުގެ މަތިން ކާރު ދުއްވުމުގެ މުބާރާތްތަކާއި ، ފުޓު ބޯޅަ ފެންވަރު ރަންގަޅުކުރުމައި ، ޒުވާނުންނަށް ފައިދާހުރި ޓްރެއިނިންގް ، އަދި ޒުވާނުންގެ ތެރޭގައި ތިބޭ ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް ހުނަރުހުރި މިންވަރަކުން މުޖުތަމައުގައި ބޭނުންހިފޭނޭ ތަމްރީނު ކޯސްތަށް ތައާރަފު ވަމުންދާ މަންޒަރުތަށްވެސް އަޅުގަނޑުމެނަށް މިދަނީ ފެންނަމުންނެވެ.
މިއަދު އަޅުގަނޑުމެން ބޭނުންވަނީ ރަންފޮއްޓަކަށްލާ ބަންދެލާފާ ރައްޔިތުންގެ އަތަށް ވެދުމަށް އަރުވާ ހުސް ވައުދު ތަކެއް ނޫނެވެ. އަޅުގަނޑުމެން ބޭނުންވަނީ ކޮންމެހެން ވައުދުތަކެއް ވެވަދައިނުގަތަސް ، ކަންކަން ކުރެއްވުމުގައި ހެޔޮވިސްނުންފުޅު ގެންގުޅުއްވާ ، ރަންގަޅުގޮތް އެޑޮޕްޓު ކުރުމުގައި އަވަސްވެ ގަންނަ ޖެހިލުންކުޑަ ވެރިއެކެވެ.
މާކަގިނަ ފައިސާތަކެއް ، މާކަ ގިނަ ސެޓްފިކެޓެއް ، މާކަ ކުލަގަދަ ރަންގުޅިއެއް ނެތަސް ، ވެރިކަމަކީ ކުރަންއެނގިއްޖެ ކޮންމެ މީހަކަށް ހަމަ ވަރަށް ފަސޭހަ ކަމެއްކަން މިހާރު އަޅުގަނޑުމެންނަށް ސާބިތުވަމުން މި ދަނީއެވެ.
ތަރައްޤީ އަކީ ޤައުމެއްގެ މަލަމަތި ރީތިވެފައި ، ފުރިހަމަ ވެފައި ދިއްލިފައި އޮތުމެއް ނޫނެވެ. އެ ޤައުމެއްގެ ރައްޔިތުން އުޅެމުންދާ ދިރިއުޅުން އިސްލާހު ވެފައިވާ މިންވަރެވެ. މި މުޖުތަމައުގައި އަހައްމިއްޔަތު ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ޙާއްސަ އެހީއަށް ބޭނުންވެފައިވާ އެތައްހާސް ބައެއްގެ ބޭނުންތައް ފުއްދާދިނުމުގައި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކައި ވަސީލަތްތައް ހޯދައިދިނުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. ދިވެހިރާއްޖޭގައި އޯޓިޒަމް ކުދިންނަށް ޙާއްސަ އެސޯސިއޭޝަނެއް އެޅުނީ ވަރަށް ފަހުންނެވެ. ލޯފަންކުދިންނަށް ބްރެއިލް ސިސްޓމުން ކިޔަވާދިނުމުގައި ވަސިލަތްތަށް ނެތުމުގެ ސަބަބުން ދިމާވެފައިވާ ދަތިތަށް ގުނާ އަދަދު ނުކުރެވެއެވެ. ކެއަރ ސޮސައިޓީގެ ހިންގާނެ ތަނެއްނެތި ދަރިވަރުން މަގުމަތިވެދާނެ ކަމުގެ ބިރުވެސް ހީވެގެންދިޔައެވެ. މިކަހަކަ އެތަކެއް ކަންތައްތަކެއް އިސްލާހު ކުރަންޖެހިފައިވެއެވެ.

ކޮންމެއަކަސް އުއްމީދު ކުރެވެނީ، މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ވާދަވެރިން އެބޭބޭފުޅުންގެ މެނިފެސްޓޯ ތަކަކީ ފުރަތަމަ ރައްޔިތުން އެއަށްފަހު ޕާޓީގެ ބޭނުންތައް އިސްކުރާ މެނިފެސްޓޯ ތަކަކަށް ހަދާނެ ކަމުގައެވެ. އެހެނީ ޤައުމުގެ ވަލިއްޔުލް އަމްރަކީ ހަމައެކަނި އެބޭފުޅަކު ނިސްބަތްވާ ޕާޓީއެއްގެ ވެރިއެއްނޫނެވެ. މުޅު ދިވެހި ރާއްޖޭގެ ވެރިޔާއެވެ. އެބޭފުޅެއްގެ ކޮނޑުފުޅު މަތީގައި އެޅިފައިވާނީ ހަމަ އެކަނި އެއްމެ ކުލައެއްގެ ޒިންމާ އެއް ނޫނެވެ.އެތައް އެތައް ކުލަތަކަކެވެ.
ދިވެހިންނަށް އަދަށްވުރެއް ފަހި މާދަމާއަކަށް އެދެމެވެ.
 


No comments:

Post a Comment