އިންޝިއުރެންސް: ތައުމީންކުރުން
ތަޢާރަފް :
''އަމާންކުރުން'' މިއީ އިނގިރޭސިން ކިޔާ ''އިންޝުރެންސް'' އަދި ޢަރަބިން ކިޔާ ''ތައުމީން" އަށް ދިވެހިން ކީދާނެ ބަހެކެވެ.
''ތައުމީން'' މި ޢަރަބި ލަފްޒަކީ ''އަމްނު'' މި ލަފްޒުން އުފެދިފައިވާ ބަހެކެވެ. އަމްނު ގެ މާނައަކީ އަމާންކަމެވެ. ނުވަތަ ބިރުގެ އިދިކޮޅެވެ. ''އަމާނާ'' އޭ ބުނެފިނަމަ މާނައަކަށް ވާނީ، ޚިޔާނަތުގެ އިދިކޮޅެވެ. ''އީމާން'' އޭ ބުނެފިނަމަ ވާނީ އެއީ، ކާފިރުވުމުގެ އިދިކޮޅަށެވެ. އެއީ ތެދުކުރުމެވެ.
އިޞްޠިލާޙުގައި ''ތައުމީން'' ގެ މާނަ:
ތައުމީން ނުވަތަ އަމާންކުރުން ނުވަތަ އިންޝުރެންސް އަކީ ދެ ފަރާތެއްގެ ދެމެދުގައި ކުރެވޭ ޢަޤުދެކެވެ. އެއް ފަރާތަށް ކިޔެނީ ''އަމާންކޮށްދެވޭފަރާތް'' (Insured) އެވެ. އަނެއް ފަރާތަށް ކިޔެނީ ''އަމާންކޮށްދޭފަރާތް'' (Insurer) މި ޢަޤުދުގައި އަމާންކޮށްދޭފަރާތް އެއްބަސްވަނީ، ޢަޤުދުގައި ބަޔާން ކުރެވިފައިވާ ނުރައްކަލެއް ކުރިމަތިވުމުން، ނުވަތަ ގެއްލުމެއް ލިބުމުން، އަމާންކޮށްދެވުނު ފަރާތަށް ކަނޑައެޅޭ ފައިސާތަކެއް ދޭނެކަމަށް، ނުވަތަ ވަކި މުއްދަތަކަށް ދެމިގެންދާ ސިފައެއްގައި ދެވޭ ފައިސާތަކެއް ދޭނެކަމަށް، ނުވަތަ ލިބޭ މާލީ ގެއްލުމެއް ފޫބައްދައިދޭނެ ކަމަށެވެ. އަދި މިއީ އަމާންކޮށްދެވޭފަރާތް، އަމާންކޮށްދޭފަރާތަށް ވަކިވަކިން ނުވަތަ އެއްފަހަރާ ދައްކާ ފައިސާތަކެއްގެ ބަދަލުގައި ކޮށްދޭ ކަމެކެވެ. މި ފައިސާއަކީ އަމާންކުރުމުގެ އަގެއްގެ ގޮތުގައި ކުންފުންޏަށް ދައްކާ ފައިސާއެވެ. ދިވެހިން މި އަށް ''ބައިތައް'' މިހެން ކީދާނެއެވެ. މިއީ ޕްރީމިއަމް ނުވަތަ އަޤްސާޠުތަކެވެ.
މި ޒަމާނަށް ބަލާއިރު، އަމާންކޮށްދިނުމަކީ އަމިއްލަ ފަރުދުން ކުރާކަމެއް ނޫނެވެ. އެކަމަކު އެއީ، ގިނަ ޢަދަދެއްގެ އަމާންކުރުވާ މީހުންތަކަކަށް ޚިދުމަތް ދޭ، ބޮޑެތި ވަރުގަދަ ކުންފުނިތަކުން ކުރާ ކަމެކެވެ. ދެން މި ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާތައް (ބައިތައް/Premium) އަތުލާ ޖަމާކުރުމަށް ފަހު، އަމާންކުރެވިފައިވާ ކަމެއް ކުރިމަތިވެއްޖެނަމަ، އެ ފަރާތަކަށް ދޭން ޖެހޭ ފައިސާ ދީ ނުވަތަ ގެއްލުމެއް ފޫބައްދައިދޭން ޖެހިއްޖެނަމަ، އެކަން ކޮށްދެއެވެ. އަދި ކުންފުނީގެ އަސްލު ރައުސްމާލު ހުންނާނީ ކުއްލި ހާލަތެއްގައި ބޭނުން ކުރަން ޖެހިދާނެ އެއްޗެއް ގޮތުގައި ރައްކާކުރެވިއެވެ. ކުންފުންޏަށް ލިބޭ ފައިދާ އަކީ، މީހުން އަތުން އަތުލާ ފައިސާއާ މީހުންގެ ގެއްލުންތަކަށް ދޭ ފައިސާއާ ދެމެދު ހުންނަ ފަރަގެވެ.
ތާރީޚީ ނަޒަރެއް:
ތައުމީންކުރުންމި ޒަމާނުގައި މި ކުރެވޭ ގޮތަށް، އެންމެ ފުރަތަމަ ތަޢާރަފްވި އަމާންކުރުމަކީ، މީލާދީން ސާދަވަނަ ޤަރުނު އިޓަލީވިލާތުގެ އައްސޭރި ބައެއް ރަށްތަކުގައި ފެއްޓުނު ''ކަނޑުގެ އަމާންކުރުން'' އެވެ. އަދި 1666 ވަނަ އަހަރު ލަންޑަނުގަިއ ހިނގި ބޮޑުއަލިފާނުގެ ހާދިސާއަށް ފަހު އެއްގަމުގައި ހުންނަ ތަކެއްޗާއި މުދާތައް އަމާންކުރަން ފެއްޓުނެވެ. އަދި އޭގެފަހުން އެއްގަމު އުޅަނދާއި ޞިއްޙަތާ ޙަޔާތާއި އަދި ދިރިއުޅުމުގެ ތަފާތު ދާއިރާތަކާ ގުޅޭ އެއްޗެއްސާއި ކަންކަން އަމާންކޮށްދޭން ފެއްޓުނެވެ. ނަމަވެސް އިސްލާމީ ޤައުމުތަކަށް މި ޒަމާނުގެ އަމާންކުރުމުގެ ޚިދުމަތް ތަޢާރަފްވެފައި ވަނީ ޔޫރަޕާއި އެމެރިކާއާ އަޅާބަލާއިރު ވަރަށް ފަހުންނެވެ. އެއީ މީލާދީން ނަވާރަވަނަ ޤަރުނުތެރޭގައެވެ.
ސީދާ މިޒަމާނުގެ އަމާންކުރުމާ ބެހޭ ގޮތުން ވާހަކަ ނުދެއްކެވިއަސް، މި މައުޟޫއާ ގުޅުން ހުރި އަދި ވަރަށް އެއްގޮތް މައްސަލަތަކަކަށް، އިމާމް އަޝްހަބާއި ޢައްލާމާ އަޙްމަދު ބިން ޔަޙްޔާ އަލްމުރްތަޟާ (އަވަހާރަވީ 840ހ) ފަދަ ޢިލްމުވެރިން ވާހަކަ ދައްކަވާފައިވެއެވެ. ނަމަވެސް މި ޒަމާނުގައި މި ކުރެވޭ ގޮތަށް ކުރެވޭ އަމާންކުރުމާ ބެހޭ ގޮތުން، ސާފު ސަރީޙަ ގޮތެއްގައި އެންމެ ފުރަތަމަ ވާހަކަ ދައްކަވާފައިވަނީ، ޢައްލާމާ މުޙައްމަދު އަމީން ބިން ޢާބިދީން (1198- 1252 ހ) އޭނާގެ ފޮތް ''ރައްދުލް މުހްތާރު ޢަލާ އައްދުއްރިލް މުޚްތާރި'' އޭ ކިޔުނު ފޮތުގައެވެ. އެ ދުވަސްވަރު އެއަށް ކިޔައި އުޅުނު ނަމަކީ ''ސޫކްރާ''އެވެ. މިއީ އަސްލު ޢަރަބި ބަހެއް ނޫނެވެ.
ކޮންމެއަކަސް، މި ޒަމާނުގައި ތައުމީންކުރުންތަޢާރަފްވެފައި ނެތް ޤައުމެއް ނެތެވެ. އިޤްތިޞާދާއި ޞިއްޙަތާއި އިޖްތިމާޢީ ތަފާތު މައިދާންތަކަށް ''އަމާންކުރުން'' ވަނީ އެކި ސިފަސިފައިގައި ވަދެފައެވެ. ބައެއް ޤައުމުތަކުގައި ބައެއް ކަހަލަ އަމާންކުރުންތަކަކީ މަޖްބޫރުކަމަކަށް ވެސް ވަނީ ވެފައެވެ.
އަމާންކުރުމުގެ މައިގަނޑު ވައްތަރުތައް:
އޭގެ މައިގަނޑު ވައްތަރަށް ބަލާއިރު ތައުމީންކުރުންބެހިގެންދަނީ: ބައިވެރިވާ އަމާންކުރުމަށާއި ވިޔަފާރި އަމާންކުރުމަށެވެ.
1- ބައިވެރިވާ އަމާންކުރުން (Cooperative Insurance) އަދި މަންފާ ބަދަލުކުރަނިވި އަމާންކުރުން (Mutual insurance)
މިވައްތަރުގެ އަމާންކުރުމުގައި އޮންނަ ގޮތަކީ އެއްކަހަލަ ނުރައްކާތަކަކަށް ހުށައެޅިދާނެ މީހުންތަކެއް އެއްވެގެން، ކޮންމެ މީހަކު ވެސް ވަކި އިޝްތިރާކެއް ދައްކާނީއެވެ. ގެއްލުމެއް ލިބިއްޖެއްޔާ، އެ ގެއްލުމެއް ފޫބައްދައިދެވޭނީ، މި އިޝްތިރާކުންނެވެ. ގެއްލުންތައް ފޫބައްދަން ފައިސާ ދީފައި، އެއިން ބާކީ ފައިސާއެއް ހުރެއްޖެނަމަ އެ ފައިސާތައް، އޭގައި ބައިވެރިމީހުންނަށް އަނބުރާ ދެވެއެވެ. އަދި، ގެއްލުންތައް ފޫބެއްދޭ ވަރަށްވުރެ ފައިސާ މަދުވެއްޖެނަމަ، އެ އުނިކަން ފޫބައްދަން އިތުރު ފައިސާ ބައިވެރިވާމީހުން އަތުން އަތުވެސްލެވޭނެއެވެ. ބައިވެރިވާ އަމާންކޮށްދޭ ކުންފުންޏެއްގެ ބައިވެރިންނަކީ ފައިދާތަކެއް ހޯދަން މަސައްކަތް ކުރާ ބައެއް ނޫނެވެ. އެކަމަކު އެއީ، އެކަކަށް ލިބޭ ގެއްލުން ލުއިކޮށްދޭން އުޅޭ ބައެކެވެ. އެ މީހުން ޢަޤުދު ހަދާފައި އޮންނަނީ، އެކަކަށް ލިބޭ ގެއްލުން އަނެކަކު ތަހައްމަލުކޮށް އެހީތެރިވެދޭނަކަމަށެވެ. އަދި އެ ކުންފުނި ހިންގާނީ ވެސް އޭގެ މެމްބަރުންނެވެ. ނުވަތަ އެމީހުން ހަވާލުކުރާ ބައެކެވެ. ވީމާ ކޮންމެ މެމްބަރަކީ ވެސް އަމާންކޮށްދޭ މީހެކެވެ. އަނެއްކޮޅުން އަމާންކޮށްދެވޭ މީހެއްވެސް މެއެވެ. އިސްލާމީ މިންގަނޑުތަކަށް ފެތޭ އަމާންކުރުމަކީ މި ވައްތަރެވެ. މި ވައްތަރަށް ''ތަކާފުލް'' ނުވަތަ ''ތަޢާވުން'' އަމާންކުރުމޭ ކިޔެއެވެ.
2- ވިޔަފާރި އަމާންކުރުން(Commercial Insurance) :
''އަމާންކުރުމޭ'' ބުނެފިނަމަ، އޭގެ މުރާދަކަށް މިހާރުވެފައި އޮންނަނީ، މި ވައްތަރުގެ އަމާންކުރުމެވެ. މީގައި އޮންނަ ގޮތަކީ އަމާންކޮށްދެވޭފަރާތް (Insured) އަމާންކޮށްދޭފަރާތަށް(Insurer)، ކަނޑައެޅިފައިވާ ބައިތަކެއް(Premium) ދައްކަނީއެވެ. އޭގެ ބަދަލެއްގެ ގޮތުން، ގެއްލުމެއް ނުވަތަ ކަނޑައެޅިފައިވާ ނުރައްކަލެއް ކުރިމަތިވާ ހިނދު، އަމާންކޮށްދޭފަރާތުން މި ގެއްލުން ފޫބައްދައިދޭނެއެވެ. އެފަދަ ކަމެއް މެދުވެރި ނުވެއްޖެނަމަ، އަމާންކޮށްދެވޭފަރާތަށް ލިބޭނެ އެއްވެސް އެއްޗެއް ނޯންނާނެއެވެ. އަމާންކޮށްދޭފަރާތަކީ އަމާންކޮށްދެވޭފަރާތާ އެއްވެސް ގުޅުމެއް ނެތް ކޮންމެވެސް އެހެން ބަޔަކު ހިއްސާވެގެން ވިޔަފާރި އުސޫލުން ހިންގޭ ކުންފުންޏެކެވެ. މި ކުންފުންޏަށް ލިބޭ އާމްދަނީ ނުވަތަ ފައިދާ އަކީ، މި ބުނި ހިއްސާދާރުންގެ އެއްޗެކެވެ. ކުންފުންޏަކީ ހިއްސާދާރުންތަކެއް ނެތް އެންމެ ފަރާތެއްގެ ކުންފުންޏަކަށް ވެސް ވެދާނެއެވެ. ނަމަވެސް މިއީ މިހާރު ނާދިރުކަމެކެވެ. މި ވައްތަރުގެ އަމާންކުރުމުގައި، އަމާންކޮށްދޭފަރާތް އަބަދުވެސް އިސްކަންދޭނީ އޭނާއަށް ފައިދާވާނެ ގޮތަކަށެވެ. ނަމަވެސް ބައިވެރިވާ އަމާންކުރުމުގައި މިކަން އޮންނަނީ މިއާ ޚިލާފަށެވެ. އޭގައި މެންބަރުން ގެ ލަނޑުދަނޑިއަކަށް ވެފައި އޮންނާނީ އެހީތެރިވެ ބައިވެރިވުމެވެ. އަދި އޭނާއަށް ގެއްލުމެއް ވާވަގުތު އެހެން މީހުން ވެސް އެހީތެރިވެ ބައިވެރިވާނެ ކަމަށް އޭނާ އުއްމީދުކުރާނެއެވެ. ވީމާ މިއީ އިންސާނީ މަތިވެރި އަޚްލާޤީ ލަނޑުދަނޑިއެކެވެ.
ތައުމީންކުރުން ބަހާލެވިދާނެ ބައިތައް:
1- ގެއްލުންތަކަށް އަމާންކުރުން:
މި ވައްތަރުގެ އަމާންކުރުމުގައި ބަލަނީ، އަމާންކޮށްދެވޭފަރާތަށް ލިބިދާނެ ގެއްލުމަށެވެ. އަދި މީގެ ބޭނުމަކީ އަމާންކޮށްދެވޭފަރާތަށް ލިބޭ ގެއްލުންތަކަށް ބަދަލު ދީ ގެއްލުން ފޫބައްދައިދިނުމެވެ. މި ކަފިވަނީ ދެބަޔަކަށެވެ. އެއީ:
ހ- އެއްޗެއްސަށް އަމާންކުރުން: މިއީ އަމާންކުރުވާފަރާތުގެ މުދަލަށް ނުވަތަ ތަކެއްޗަށް ލިބޭ ގެއްލުން ފޫބައްދަން ކުރުވާ އަމާންކުރުމެކެވެ. މިސާލަކަށް އަލިފާނުން އަމާންކުރުވުން، ވައްކަމުން އަމާންކުރުވުމެވެ.
ށ- މަސްއޫލިއްޔަތަށް އަމާންކުރުން: މަސްއޫލިއްޔަތަށް އަމާންކުރުމަކީ، އޭނާ ކުރާ ކަމެއްގެ ސަބަބުން އެހެން ފަރާތަކަށް ގެއްލުމެއް ލިބި އަދި އޭނާގެ ކޮނޑުގައި އެޅިދާނެ މަސްއޫލިއްޔަތެއް ސީދާ އޭނާ އުފުލަން ނުޖެހޭ ގޮތް ހެދުމެވެ. މީގެ މިސާލަކީ މަގުމަތީ ދުއްވާތަކެތިން ކުރިމަތިވާ ހާދިސާއަކުން، އެހެން މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ތަކެއްޗަށް ލިބޭ ގެއްލުމުގެ މަސްއޫލިއްޔަތަށް އަމާންކުރުމެވެ. އޭރުން މި ފަދަ ހާދިސާއަކުން އަނެއް ފަރާތަށް ދޭން ޖެހޭ ބަދަލު ދޭނީ އަމާންކޮށްދިން ކުންފުނިންނެވެ. މިއީ ހަމައެކަނި މާއްދީ މަސްއޫލިއްޔަތުން ބަރީއަވާ ކަމެކެވެ. ވީމާ ޖިނާއީ ކުށެއް އޮވެއްޖެނަމަ އެ ކުށުގެ މަސްއޫލިއްޔަތުން އޭނާ ބަރީއައެއް ނުވެވޭނެއެވެ.
2- ޙަޔާތް އަމާންކުރުން :
ޙަޔާތް އަމާންކުރުމޭ މިހެން ބުނުމުގެ މާނައަކީ ފަހަރެއްގައި ވެސް، މީހަކު މަރުނުވުމަށްޓަކައި ކަމެއް ކުރުމެއް ނޫނެވެ. އެހެނީ މަރަކީ ކޮންމެ މީހެއްގެ މައްޗަށް ވެސް މާތް ﷲ ލިޔުއްވާފައިވާ އަޖަލެއްގައި، ފަސްވުމެއް އިސްވުމެއް ނެތި، އަންނާނެ އެއްޗެކެވެ.
ޙަޔާތް އަމާންކުރުމަކީ، އަމާންކުރެވުނު ފަރާތް މަރުވުމުން، އޭނާގެ އަނބި ދަރިންނަށް (ނުވަތަ މަންފާ ލިބެން އޭނާ ކަނޑައެޅި ފަރާތަކަށް)، ކަނޑައެޅޭ ފައިސާގެ މިންވަރެއް ދޭނެ ކަމަށް، ކުންފުނިން އެއްބަސްވާ އެއްބަސްވުމެކެވެ. މީގެ އަގެއްގެ ގޮތުން، އޭނާ ދިރިހުންނަ ދުވަހު ކުންފުންޏަށް ބައިތައް (ޕްރީމިއަމް) ވަކި ޤަވާއިދެއްގެ ދަށުން ދައްކަމުން ދާނެއެވެ. އެހެން ވައްތަރުތަކާ ޚިލާފަށް ޙަޔާތަށް ކުރެވޭ އަމާންކުރުމުގައި ތިން ފަރާތެއް ހިމެނޭނެއެވެ. އެއީ އަމާންކޮށްދޭ ކުންފުންޏާއި، އަމާންކޮށްދެވޭފަރާތާއި އަދި އަމާންކުރުމުގެ ޢަޤުދުގެ (ޕޮލިސީ) ވެރިފަރާތެވެ. ނަމަވެސް ގިނަފަހަރަށް އަމާންކޮށްދެވޭފަރާތާއި ޢަޤުދުގެ (ޕޮލިސީ) ވެރިފަރާތް އެއީ އެކަކެވެ. މިސާލަކަށް އާދަންފުޅު އޭނާގެ އަމިއްލަ ޙަޔާތް އަމާންކުރީމާ، އަމާންކޮށްދެވުނު ފަރާތަކީ ވެސް އަދި ފައިސާދައްކާ ޢަޤުދުގެ ވެރިފަރާތަކީ ވެސް އޭނާއެވެ. ނަމަވެސް އާދަންފުޅުގެ އަންހެނުން އާދަންފުޅުގެ ޙަޔާތް އަމާންކުރުވައިފިއްޔާ، އަމާންކޮށްެދެވުނު ފަރާތަކީ އާދަމްފުޅެވެ. އަދި ވެރިފަރާތަކީ އަންހެނުންނެވެ. ޙަޔާތް އަމާންކުރެވޭނީ، އަމާންކުރެވޭ މީހާ ދިރިހުރުމުން ފައިދާތަކެއް ލިބޭ މީހުންނަށް އެކަންޏެވެ.
ޙަޔާތް އަމާންކުރުގެ ތަފާތު ވައްތަރުތަކެއް ވެއެވެ. ނަމަވެސް މީގެ މައިގަނޑު ވައްތަރުތައް ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ: މުއްދަތަކަށް ޙަޔާތް އަމާންކުރުން އަދި ދާއިމަށް ޙަޔާތް އަމާންކުރުމެވެ.
ހ- މުއްދަތަށް ޙަޔާތް އަމާންކުރުން: މިއީ ޙަޔާތް އަމާންކުރުމުގައި އޮންނަ އާދައިގެ އަދި އެންމެ އަގުހެޔޮ ވައްތަރެވެ. މީގައި ޙަޔާތް އަމާންކުރެވެނީ ކަނޑައެޅޭ ވަކި ޢަދަދެއްގެ ބައިތަކެއް (ޕްރީމިއަމް) ދެއްކުމުން، ކަނޑައެޅޭ ޢަދަދެއްގެ އަހަރުތަކެއް ވަންދެނެވެ. އެހެންގޮތަކަށް ބުނާނަމަ މިއީ ކަނޑައެޅޭ ވަކި މުއްދަތެއް ވަންދެން ކުރެވޭ އަމާންކުރުމެކެވެ. މި އަހަރުތަކުގެ ތެރޭގައި އޭނާ މަރުވެއްޖެނަމަ، މަންފާ ލިބެން އޭނާ ކަނޑައެޅި ފަރާތަކަށް (މިސާލަކަށް އަނބި ދަރިން) އަމާންކޮށްދެވުނު މަރުވުމުގެ ފައިސާ ލިބޭނެއެވެ. އެ މުއްދަތު ފާއިތުވާއިރު ވެސް އޭނާ ދުނިޔޭގައި ހުރެއްޖެނަމަ، އެ ޢަޤުދު އެ ހިސާބުން ނިމުނީއެވެ. އަދި އޭނާއަށް ނުވަތަ ފައިސާ ލިބެން އޭނާ ކަނޑައެޅި ފަރާތަކަށް ވެސް، އެއްވެސް އެއްޗެއް ނުލިބޭނެއެވެ. މިސާލަކަށް މީހަކު ކުރިއަށް އޮތް ފަސް އަހަރަށް ޙަޔާތް އަމާންކުރަން ފަސްލައްކަ ރުފިޔާގެ ޢަޤުދު ހަދާފައި، ދެވަނަ އަހަރު މަރުވިޔަސް، އަމާންކޮށްދެވުނު އަގު އެއްކޮށް ލިބޭނެއެވެ. ނަމަވެސް ފަސް އަހަރާ އެއް ދުވަސް ފަހުން އޭނާ މަރުވެއްޖެނަމަ، އެކައްޗެއް ވެސް ނުލިބޭނެއެވެ. (
ށ- ދާއިމަށް ޙަޔާތް އަމާންކުރުން: މިއީ މީހާގެ ޠަބީޢީ ޢުމުރު ނިމެންދެން ދެމިހުންނާނެ ގޮތެއްގެ މަތިން ކުރެވޭ އަމާންކުރުމެކެވެ. މީގައި ދައްކަން ޖެހޭ ބައިތައް (ޕްރީމިއަމް)، އެ މީހާ މުސްކުޅިވަމުން ދިޔައަސް އޮންނާނީ ސާބިތު ކޮށެވެ. އަދި ހަމަ އެހެންމެ ދައްކާ ބައިތަކުގެ ބައިތައް އެކައުންޓަކަށް ޖަމާވެ، އެއިން އޭނާއަށް ދަރަނީގެ ގޮތުގައި ނުވަތަ ރަހުނެއްގެ ގޮތުގައި ވެސް، ފައިސާ ބޭނުންކުރެވިދާނެއެވެ. އަދި އެއަށް އިތުރުވާ ބޭންކް ރިބާ ފައިދާ، ކުރިއަށް ދައްކަން ހުރި ބައިތަށް ދައްކަން ވެސް ބޭނުންކުރެވިދާނެއެވެ.
މި ވައްތަރުގެ އަމާންކުރުމުގެ ދަށުން އަދި ތަފާތު ނަންނަމުގައި ހުންނަ ޚިދުމަތްތަކެއް ހުރެއެވެ. މިއިން ކޮންމެ ވައްތަރެއްގައި ވެސް، ބައިތައް ދެއްކުމުގައި ހުންނަ މުރަނުކަމާއި، ރިބާ ފައިދާ ލިބޭ މިންވަރު ފަދަ ކަންތައްތަކުގައ ތަފާތު ކަންތައްތަކެއް ހުރެއެވެ.
3- ބޮޑެތި އަނިޔާތަކަށް އަމާންކުރުން :
މީހުންނަށް ކުރެވޭ އަމާންކުރުމުގެ ދެވަނަ ވައްތަރަކީ، ވަކި މުއްދަތެއްގެ ތެރޭގައި މީހަކަށް ލިބިދާނެ ޖިސްމާނީ ގެއްލުމެއް ނުވަތަ އަނިޔާއަކަށް، ކުރެވޭ އަމާންކުރުމެވެ. މި ވައްތަރުގެ އަމާންކުރަނީ ގިނަފަހަރަށް ނުރައްކާތެރި މަސައްކަތެއްގައި ޝާމިލުވެގެން އުޅޭ މީހުންނެވެ. ގިނަ ފަހަރު މަސައްކަތުގެ ވެރިފަރާތުން މިކަން ކޮށްދެއެވެ. އަދި މިއީ ގިނަ ޤައުމުތަކުގައި މަސައްކަތު މީހުންގެ ޙިމާތަކަށް ކުރުން ލާޒިމު ކަމެކެވެ.
4- ޞިއްޙަތު އަމާންކުރުން :
މިއީ ބަލިވީމާ އޭނާއަށް އެކަށީގެންވާ ރަނގަޅު ބޭސްފަރުވާއެއް ހޯދުމުގެ ބޭނުމުގައި މި ޚިދުމަތް ދޭ ކުންފުޏަކަށް ފައިސާ ދީގެން ހޯދާ ޚިދުމުތަކެވެ. އެކި ކުންފިނިތަކުން ދޭ ޞިއްޙަތު އަމާންކުރުމުގެ ވައްތަރުތައް ވަރަށް ތަފާތުކޮށް ތަފާތު ނަންނަމުގައި ހުރެއެވެ. މިގޮތުން އަމާންކޮށްދިން ފަރާތުން ޚަރަދުގެ، މިސާލަކަށް އަށްޑިހަ އިންސައްތައިގައި ހިފާފައި، އަމާންކޮށްދެވުނު މީހާ އަނެއް ވިހި އިންސައްތައިގައި ހިފާގޮތަށް ވެސް އޮވެދާނެއެވެ. މި ވައްތަރުގައި ޞިއްޙީ ފަރުވާ ދިނުމަށް ކުންފުނިން ދޭނީ އެންމެ ގިނަވެގެން މިވެނި ވަރަކޭ ކަނޑައަޅާފައި ނޯންނާނެއެވެ.
އަނެއްބައި ވައްތަރުތަކުގައި، ވަކި އިސްތިސްނާތަކެއް ކަނޑައަޅާފައި ވެސް އޮވެދާނެއެވެ. މިސާލަކަށް ކިޑްނީގެ ބައްޔެއް، ނުވަތަ ހިތް ލެއްވުން ފަދަ ކަމެއް، އަމާންކުރުމުގެ ތެރޭގައި ނުހިމެނޭނެ ކަމަށް ބުނުމެވެ. ވީމާ ބައްޔަކަށް ވާކަހަލަ ބައްޔެއް ވާއިރު މިކަހަލަ އަމާންކުރުމުގެ ބޭނުމެއް ނުހިފޭނެއެވެ.
އަނެއްބައި ވައްތަރުތަކުގައި، ބޭސްފަރުވާއަށް ޚަރަދުކުރެވޭނީ އެންމެ ގިނަވެގެން މިވެނި ހާހަކަށޭ ބުނެ ކަނޑައަޅާފައި ވެސް އޮވެއެވެ. މިސާލަކަށް ލޮއި އަހަރަކު ފަންސާސްހާހެވެ. މިފަދަ އަމާންކުރުމެއް ގަނެގެން ހުއްޓާ، ބަލި ދިގުލައި، ނުވަތަ ބަލީގެ ބާވަތުން، ކުރަންޖެހޭ ޚަރަދު މި ހައްދުން މައްޗަށް ހިނގައްޖެނަމަ، އޭނާ ޖެހޭނީ އަމިއްލަ ޖީބުން އެކަން ކުރާށެވެ. އަދި ބައެއް ފަހަރު އެކިއެކި ޞިއްޚީ ޚިދުމަތްތަކަށް ވަކިވަކިން، ވަކި މިންވަރެއް ކަނޑައަޅާފައި ވެސް އޮވެދާނެއެވެ. އޭގެ ބޭރަކުން އޭނާއަކަށް ނުލިބޭނެއެވެ. އަދި ބައެއް ވައްތަރުތަކުގައި، ހަމައެކަނި ބޭހަށް ދާ ޚަރަދު ކަވަރުވާގޮތަށް ވެސް އޮވެދާނެއެވެ.
5- ޚާއްޞަ އަމާންކުރުމާއި ޖަމާޢީ އަމާންކުރުން:
ހ- ޚާއްޞަ އަމާންކުރުމަކީ، ލިބިދާނެ ގެއްލުމަކަށްޓަކައި، މީހަކު އަމިއްލައަށް އަމާންކޮށްދޭ ކުންފުންޏަކުން އެ ޚިދުމަތް ލިބިގަތުމެވެ. މިފަދަ މީހަކު މިކަން ކުރާނީ އޭނާގެ އަމިއްލަ މަސްލަހަތަށްޓަކައެވެ.
ށ- ޖަމާޢީ އަމާންކުރުމަކީ، ދާދި އެއްކަހަލަ ނުވަތަ އެއް ބާވަތެއްގެ މަސައްކަތެއް ކޮށް އުޅޭ ބަޔަކު އޭގެތެރެއިން މީހަކަށް ލިބިދާނެ ގެއްލުމެއް ފޫބައްދައިދިނުމުގެ ގޮތުން، ނުވަތަ މުސްކުޅިވެ މަސައްކަތް ނުކުރެވޭ ދުވަހަށްޓަކައި، ނުވަތަ ވަޒީފާ ގެއްލުން ފަދަ ހާލަތަކަށްޓަކައި، އެއްބަޔަކު އަނެއް ބަޔަކަށް ކޮށްދޭ އަމާންކުރުމެކެވެ. ވީމާ މީގައި ބޭނުމަކަށް ވެފައި އޮންނާނީ، އިޖްތިމާޢީ ބައިވެރިވުމެވެ. މަސައްކަތް ކުރާ ކޮންމެ މީހަކު ވެސް ވަކި ފަންޑަކަށް ވަކި މިންވަރެއްގެ އިޝްތިރާކެއް ދައްކާނެއެވެ. އަދި އަނެއްކޮޅުން މަސައްކަތުގެ ވެރިފަރާތުން ނުވަތަ ސަރުކާރުން ވެސް ވަކި މިންވަރެއް ފަންޑަށް ލައިދޭނެއެވެ.
6- މަޖްބޫރު އަމާންކުރުމާއި އިޚްތިޔާރީ އަމާންކުރުން:
ހ- ފުރަތަމަ ވައްތަރަކީ ތަނެއްގެ ސަރުކާރުން އެ ތަނެއްގެ ރަށްވެހިންނަށް ނުވަތަ އެތާ އުޅޭ މީހުންގެ މައްޗަށް މަޖްބޫރު ކުރުވާ ކަމެކެވެ. މީގެ މިސާލަކީ، ގިނަ ގައުމުތަކެއްގައި މަގުމަތީ އުޅަނދު އަމާންކުރުވަން މަޖްބޫރުކުރުމާއި، މަތިންދާބޯޓުން ދަތުރުކުރާ މީހުން އަމާންކުރަން، އެ ކުންފުންޏަށް މަޖްބޫރުކުރުމެވެ.
ށ- ދެވަނަ ވައްތަރަކީ މި އާ ޚިލާފަށް، އަމިއްލަ އިޚްތިޔާރަށް ދޫކުރެވިފައިވާ ކަމެކެވެ.
އަމާންކުރުމުގެ ޢަޤުދުގެ ފާހަގަކުރެވޭ ކަންތައްތައް:
1- އެއީ ދެ ފަރާތުގެ ދެމެދުގައި ރުހިގެން ކުރެވޭ ޢަޤުދެކެވެ. އަދި އެ ޢަޤުދު ހެދުމަށް ވަކި ސިފައެއް ނޯވެއެވެ.
2- ޢަޤުދުކޮށް ނިމުމުން، މިއީ ދެ ފަރާތަށް ވެސް ލާޒިމު ޢަޤުދެކެވެ. އެގޮތުން ދެ ފަރާތުން ކުރެ ފަރާތަކަށް އޭނާ ވެފައި އޮތް އިލްތިޒާމުން ވައްކެއް ނުވެވޭނެއެވެ. ނަމަވެސް ޢަމަލީ ޢުރުފުގައި އޮންނަ ގޮތުން، އަމާންކޮށްދޭފަރާތުން، އަނެއް ފަރާތަށް ވަކި މުއްދަތެއް ކުރިން އެންގުމަށް ފަހު، އަމާންކުރުމުގެ ޢަޤުދު (އިންޝުރެންސް ޕޮލިސީ) އުވާލެވިދާނެ ކަމަށް ކުންފުނިތަކުގެ އަމާންކުރުމުގެ ޕޮލިސީގައި ކުރީއްސުރެ އެއްބަސްވެވެއެވެ.
3- އެއީ ޣަރަރު (ވާނެގޮތް ނޭގުމުގެ ނުރައްކަލުގެ މައްޗަށް ބިނާވާ ޢަޤުދު) ޢަޤުދެކެވެ. އެހެންވެ، ވާނެ ފައިދާއެއް ނުވަތަ ގެއްލުމެއް ވެސް، ދެ މީހުން ކުރެ މީހަކަށް ނޭނގެއެވެ. އަދި ޢަޤުދުގެ ދެ ފަރާތުން، ކުރަން ޖެހޭ ކަންތައް ކުރުން ހުއްޓިފައި އޮންނަނީ މި ''ޣަރަރް'' އޮތުމުގެ މައްޗަށެވެ. އަދި ހާދިސާއެއް ކުރިމަތިވުމުން ލިބޭނެ މިންވަރަކީ ވެސް ޣަރަރު ހިމެނޭ އެއްޗެކެވެ. އަދި އެ ލިބޭނެ ވަގުތަކީ ވެސް ޣަރަރް ހިމެނޭ އެއްޗެކެވެ. ޖުވާކުޅުމާއި ބާޖީމެރުން ޙަރާމް ކަމަކަށް ވަނީ، ވާނެގޮތް ނޭގުމުގެ ނުރައްކަލުގެ މައްޗަށް ފައިސާތަކެއް ހޭދަކޮށް، އެއްޗެއް ހޯދަން އުޅޭތީއެވެ. ޣަރަރަކީ މިއީއެވެ.
4- މިއީ، ވަކި މުއްދަތަކަށް ވެވޭ ޢަޤުދެކެވެ. އެގޮތުން، ޒަމާނަކީ މި ޢަޤުދުގެ އަސާސީ އެއްޗެއްގެ ގޮތުގައި ބެލެވޭ އެއްޗެކެވެ. އަމާންކޮށްދޭ ފަރާތުން ގެއްލުން ތަޙައްމަލު ކުރާނީ ވަކި ތާރީޚަކުން ފެށިގެން ގޮސް ވަކި މުއްދަތެއް ވަންދެނެވެ.
5- މިއީ ބޯ ލެނބުމުގެ ޢަޤުދެކެވެ. މާނައަކީ، މި ޢަޤުދު ޤަބޫލު ކުރުމަކީ، އެއީ ހުށައަޅާ ފަރާތުން ހުށައަޅާފައިވާ ޝަރުޠުތަކާ މެދު އިތުރު ވާހަކައެއް ދެއްކުމެއް ނެތި، ޤަބޫލުކުރަންޖެހޭ ޢަޤުދެކެވެ.
6- އެއީ، ބަދަލުދީގެން ކުރެވޭ ޢަޤުދެކެވެ. ވީމާ މި ޢަޤުދުގައި ހިލޭސާބަހަށް އެއްޗެއް ދިނުން އެއީ ވާރިދު ނުވާ ކަމެކެވެ. އަމާންކޮށްދޭ ފަރާތުން ފައިސާ ދޭން ޖެހޭނީ، އަމާންކުރެވިފައި އޮތް ގެއްލުމެއް ކުރިމަތިވުމުންނެވެ. އަދި އަމާންކޮށްދެވުނުފަރާތަށް ފައިސާ ލިބޭނީ އޭނާ ދައްކަން ޖެހޭ މިންވަރުތައް ދެއްކުމުންނެވެ.
7- މިއީ އޭގެ އަސްލުގައި މަދަނީ ޢަޤުދެކެވެ. ނަމަވެސް އަމާންކޮށްދިނުމުގެ ޚިދުމަތް ދޭ ކުންފުންޏެއްގެ ސިފައިގައި މި ޚިދުމަތް ދެންޏާ، މި ޢަޤުދަކީ ވިޔަފާރު ޢަޤުދަކަށް ވެއެވެ. އެ ގޮތުން އެ ކުންފުނި ކުރާ ހުރިހާ ކަމަކީ ވެސް ވިޔަފާރި ޢަމަލުތަކެކެވެ. ނަމަވެސް ''ބައިވެރިވާ އަމާންކުރުން'' އެއީ ވިޔަފާރި ޢަމަލެއް ނޫނެވެ. އެހެނީ މި ކުންފުނިތަކަކީ ވިޔަފާރި ކުންފުނިތަކެއް ނޫނެވެ. އަދި އެ މީހުންގެ މައިގަނޑު ލަނޑު ދަނޑިއަކީ ފައިދާ ހޯދުމެއް ވެސް ނޫނެވެ.
8- އެއީ ނިޔަތް ރަނގަޅު ކަމަށް ބަލައި ކުރެވޭ ޢަޤުދެކެވެ. ނިޔަތް ރަނގަޅު ކަމަށް ބެލުމަކީ، ހުރިހާ ޢަޤުދުތަކަކަށް ވެސް ފެތޭ ޢާއްމު އުސޫލަކެވެ. ނަމަވެސް އަމާންކުރުމުގެ ޢަޤުދުގައި، މިކަން އޮންނަލެއް ބޮޑުވެފައި އަދި ޢަޤުދު ކުރުމުގެ މުހިއްމު ދައުރެއް ''ނިޔަތް ރަނގަޅުވުން'' ކުޅެއެވެ. އެގޮތުން އަމާންކުރުވާމީހާ ދޭ މަޢްލޫމާތު ތަކަކީ ތެދު މަޢްލޫމާތެއް ކަމަށާއި އަދި އޭނާގެ ނިޔަތް ރަނގަޅު ކަމަށް އަމާންކޮށްދޭ މީހާ ބަލައެވެ. ޢަޤުދު ފައްޓާ އިރު ވެސް އަދި ޢަޤުދު ތަންފީޒު ކުރާ އިރު ވެސް މި ކަމަށް ބެލެއެވެ.
ވިޔަފާރި އަމާންކުރުމާމެދު މި ޒަމާނުގެ ޢިލްމުވެރިންގެ ރައުޔު:
މިޒަމާނުގެ ވިޔަފާރި އަމާންކުރުމަކީ ކުރީގެ ފިޤުހުވެރިންގެ ދުވަސްވަރު އޮތް ކަމަކަށް ނުވާތީ އެ ބޭފުޅުން އެ މައުޟޫޢަށް ވާހަކަ ދައްކަވާފައި ނެތެވެ. ތަންކޮޅެއް މަތީގައި ވެސް ބުނެވިދިޔަހެން، މި ޒަމާނުގައި މި ކުރެވޭ ގޮތަށް ކުރެވޭ އަމާންކުރުމާ ބެހޭ ގޮތުން، ސާފު ސަރީޙަ ގޮތެއްގައި އެންމެ ފުރަތަމަ ވާހަކަ ދައްކަވާފައިވަނީ، ޢައްލާމާ މުޙައްމަދު އަމީން ބިން ޢާބިދީން (1198- 1252 ހ) އޭނާގެ ފޮތް ''ރައްދުލް މުހްތާރު ޢަލާ އައްދުއްރިލް މުޚްތާރި'' އޭ ކިޔުނު ފޮތުގައެވެ.
ދެން މި ކަމާ ބެހޭ ގޮތުން މި ފަހުގެ ޢިލްމުވެރިން ދައްކަވާފައި ހުރި ވާހަކަތަކަށް ބަލާއިރު، ތިން ރައުޔެއް ފެންނަން އެބައޮތެވެ. އެއީ:
އެކެއް: އެއްކޮށް މަނާކުރުން.
ދަލީލެއްގެ ގޮތުން މި މީހުން ބުނަނީ:
1- އެއީ ޖުވާގެ ހުންނަ ސިފައާއި، ޣަރަރުގެ މައްޗަށް ބިނާވާ ޢަޤުދެކެވެ. އެހެނީ، މި ޢަޤުދަކީ ބައެއް ފަހަރު ކުރިމަތި ވެދާނެ ނުރައްކަލަކަށް އަދި އަނެއްބައި ފަހަރު ކުރިމަތި ނުވާނެ ނުރައްކަލަކާ ގުޅުވިފައިވާ ޢަޤުދެކެވެ. ޖުވާ ނުވަތަ ޤިމާރުގެ މާނައަކީ މިއީއެވެ. އަނެއްކޮޅުން މި ޢަޤުދު ފައްޓާއިރު، ދެ ފަރާތުން ކުރެ ފަރާތަކަށް، އޭނާ ދޭނެ ވަރަކާއި(ޙަޔާތަށް އަމާންކުރާއިރު) އަދި ލިބޭނެ ވަރެއް ނޭނގެއެވެ. އަދި ޢަޤުދުގެ އެއްފަރާތަށް ގެއްލުން ވާ ވަރެއް އެއީ، އަނެއް ފަރާތަކަށް ވާ ފައިދާއެކެވެ. ވީމާ ޢަޤުދު މި އޮތީ ގެއްލުމާއި ފައިދާގެ ނުރައްކަލުގެ ދެމެދުގައެވެ. ޣަރަރުގެ މާނައަކީ މިއީއެވެ.
2- އެއީ ރިބާ ހިމެނިފައިވާ ޢަޤުދެކެވެ. އެހެނީ އަމާންކުރުމުގައި، ބައިތަކުގެ ގޮތުގައި ކުންފުންޏަށް ފައިސާތަކެއް ދީފައި ފަހުން ގެއްލުމެއްވެގެން ފައިސާ ބޭނުންވީމާ ގޮސް ދިން ފައިސާއަށް ވުރެ ގިނައިން/މަދުން، ކުންފިން އަތުލައެވެ. ދިން އެއްޗަށް ވުރެ ގިނައިން އަނބުރާ ލިބިއްޖެނަމަ އެއީ އޭނާ ކާ ރިބާއެވެ. މަދުން ލިބިއްޖެނަމަ، އެއީ ކުންފުނިން ކާ ރިބާއެވެ. އަދި ޙަޔާތަށް ކުރެވޭ އަމާންކުރުމުގައި، ކުންފިނިން ދޭ އިތުރު ފައިސާއަކީ ރިބާ ބޭންކުތަކަށް ލައިގެންނާއި، އަދި އިސްލާމީ މިންގަނޑުތަކަށް ނުފެތޭ މޭވާކުރުންތަކުން ހޯދާ ފައިސާއެވެ.
3- އެއީ ނުޙައްޤުން މީހުންގެ މުދާ ކެއުން އޭގައި ހިމެނޭ ޢަޤުދެކެވެ. އެހެނީ، އަމާންކޮށްދެވުނު މީހާއަށް ގެއްލުމެއް ކުރިމަތިނުވިއްޔާ، އޭނާ ދެއްކި ހުރިހާ ފައިސާތައް(ބައިތައް)، އެއްވެސް ބަދަލެއް ނެތި އަމާންކޮށްދިން ކުންފުންޏަށް ލިބިއެވެ.
ދޭއް: ތައުމީންކުރުން އެއްކޮށް ހުއްދަ
އަމާންކުރުމަކީ އެއްކޮށް ހުއްދަ ކަމެއް ކަމަށް ވިދާޅުވި އެންމެ ފާހަނގަ ކުރެވޭ ޢިލްމުވެރިއަކީ އައްޝައިޚް މުޞްޠަފާ އައްޒަރްޤާ، އަދި އައްޝައިޚް ޢަލީ އަލްޚަފީފް އެވެ. (ދެބޭކަލުންނަށް ރަޙްމަތް ލައްވާށި). މި ގޮތަށް ވިދާޅުވާ ޢިލްމުވެރިންގެ މައިގަނޑު ދަލީލަކީ:
1- އަމާންކުރުމަކީ، އެއާ ބެހޭ ގޮތުން ޝަރުޢުގައި ނައްޞެއް އައިސްފައި ނުވާ، މުޅިން އާ ޢަޤުދެކެވެ. އަދި އެ ހުއްދަ ނުވާން ޖެހޭ ފަދަ ކަމެއް ޝަރީޢަތުގެ އުޞޫލުތަކުގެ ތެރޭގައި ނެތެވެ. ވީމާ ކަންކަމުގެ އަސްލަކީ ހުއްދަވުން ކަމަށް ވާ ހިނދު، ތައުމީންކުރުންވެސް އޮންނާނީ އެ ގޮތުގައެވެ.
2- މަގެއްގެ ނުރައްކަލަށް ޖާމިނުވުމާ ބެހޭ ގޮތުން ޙަނަފީ ފިޤުހުވެރިން ގެންނަވާފައިވާ ވާހަކައެއްގެ މައްޗަށް، ތައުމީންކުރުންޤިޔާސްކުރެވެއެވެ. އެ ބޭފުޅުން ގެންނަވާފައިވާ ގޮތުގައި، މިސާލަކަށް މީހަކު އަނެކަކަށް، މި މަގުން ދާށޭ މިއީ އަމާން މަގެކޭ އަދި ތިމަންނަ އެކަމަށް ޖާމިންވަމޭ ބުނެފައި ހުއްޓާ، އޭނާ އެމަގުން ދަތުރުކުރަނިކޮށް، އެ މުދާތަށް މަގުފޭރެވިއްޖެނަމަ، އޭނާ ޖާމިންވާންޖެހޭނެއެވެ. ތައުމީންކުރުންހުއްދަ ކަމަށް މި ދަލީލު ގެންނަވާ ބޭފުޅުން ވިދާޅުވާ ގޮތުގައި މި މިސާލާއި އަމާންކުރުމާއި ދެމެދު ހުރި އެއްގޮތް ކަމަކީ، މި މިސާލުގައި ގެއްލުން ކުރިމަތިވުމުގައި ޖާމިނުވާ މީހާ ކުރި އެއްވެސް ކަމެއް ނެތް އިރުވެސް، އޭނާ ޖާމިނުވެއެވެ. އަދި އޭނާ ޖާމިނުވަނީ ނޭނގޭ އަދި ފަހަރެއްގައި ވެދާނެ ކަމަކަށެވެ. ވީމާ އަމާންކުރުމުގައި، ކުރިމަތިވާ ގެއްލުމަކީ އަމާންކޮށްދޭފަރާތް ކުރިކަމަށް ނުވިޔަސް، އަދި އެއީ ނޭނގޭ ކަމަކަށް ވިޔަސް، އޭނާ ވާ ޖާމިނުވުން ޞައްޙަވާނެއެވެ.
މި ޤިޔާސް ކުރުމަށް ރައްދު ދެއްވާ ޢިލްމުވެރިން ވިދާޅުވަނީ، މި ޤިޔާސް ކުރުމަކީ ރަނގަޅު ޤިޔާސްކުރުމަކަށް ނުވެއެވެ. އެއް ސަބަބަކީ، ހަނަފީ މަޛްހަބުގައި ގެއްލުމަށް ޖާމިނުވާންޖެހޭ ކަމަށް ބުނެފައި ވަނީ އެއީ، ނުރައްކާ މަގަކުން ދާން ބުނެ ހެއްލީ އޭނާ ކަމަށްވާތީއެވެ. ދެވަނަ ސަބަބަކީ، ޙަނަފީން ބުނެފައި ވަނީ ބަދަލުގައި އެއްޗެއް ނެތި ޖާމިނުވާ ވާހަކައެވެ. ނަމަވެސް އަމާންކުރުމުގައި އަމާންކޮށްދޭފަރާތުން ގެއްލުމަށް ޖާމިނުވަނީ ބަދަލެއް އަތުލައިގެންނެވެ.
3- ތިންވަނަ ދަލީލަކީ، މާލިކީ މަޛްހަބުގައި، އެއްޗެއް ދޭން ބުނެ ލާޒިމުވެގެންފިނަމަ އެކަން އޭނާގެ މައްޗަށް ލާޒިމުވާ ފިޤުހީ ޤަވާޢިދަށް ޤިޔާސްކޮށެވެ. މި ޤަވާޢިދުގު ޚުލާޞާ އަކީ، އެހެން މީހަކަށް އެއްޗެއް ދޭން ނުވަތަ ގެއްލުމެއް ފޫބައްދައިދޭން ވަޢްދުވެއްޖެނަމަ، އަދި ވަކިން ޚާއްޞަކޮށް ވަޢްދު ދެވުނު މީހާ އެ ބަހުގެ މައްޗަށް ކަމެއް ފައްޓައިފިނަމަ، އެ ވަޢްދުފުއްދުން ލާޒިމުވާނެއެވެ. މިސާލަކަށް މީހަކު މީހެއް ގާތު، ތިމަންނަ ކަލޭގެ ރަނަށް ވާ ފައިސާ ދޭނަމޭ، މީހަކާ އިންނާށޭ ބުނުމުން، މި މީހާ ކައިވެނި ކުރަން ފައްޓައިފިނަމަ އެ ފައިސާ ދޭން ޖެހޭނެއެވެ.
މި ދަލީލަށް ރައްދު ދެއްވަމުން ޢިލްމުވެރިން ވިދާޅުވަނީ، މިއީ ދޭތީގެ ތަފާތު ހުރުމާ އެކު ކުރެވިފައިވާ ޤިޔާސެކެވެ. ވީމާ މިއީ ކަމުދާ ޤިޔާސަކަށް ނުވާނެއެވެ. އެހެނީ މާލިކީން އެ ބުނާ ލާޒިމް ވަޢްދަކީ އެއީ ވަޢްދު ކުރާ މީހާ، ފެއްޓުނީއްސުރެ ވެސް ހިލޭސާބަހަށް، ބަދަލެއް ނެތި ދޭ އެއްޗެކެވެ. ނަމަވެސް، އަމާންކުރުމުގައި، އަމާންކޮށްދޭފަރާތް ގެއްލުންތައް ތަހައްމަލު ކުރަން ވަޢްދުވަނީ ހިލޭސާބަހަކަށް ނޫނެވެ. އެއީ ބަދަލެއް އަތުލައިގެން ކޮށްދޭ ކަމެކެވެ.
5- އަމާންކުރުމަކީ އޭގައި މަސްލަހަތުތަކެއް ވާ ކަމެކެވެ. އެގޮތުން އަމާންކޮށްދެވޭފަރާތަށް ހިތްހަމަޖެހުމާއި އަމާންކަން އިޙްސާސްވެއެވެ. އަދި ގެއްލުންތައް ގިނަ ބައެއްގެ މެދުގައި ބަހާލެވި އެ އެންމެން ގެއްލުމުގެ ބައެއް ތަހައްމަލުކޮށް ބައިވެރިވުމަކީ އޭގައި ގިނަގުނަ އިޤްތިޞާދީ ފައިދާތަކެއް ވާ ކަމެކެވެ. އަދި މިއީ މީހުންނަށް އެކަކު އަނެކަކާ ބައިވެރިވެވޭ ކަމެކެވެ. މިއީ އިސްލާމީ ޝަރީޢަތް ބާރުއަޅާ ކަންކަމަށް ވާ ހިނދު، މި ކަން ހުއްދަ ނުވާންވީ ސަބަބެއް ނެތެވެ.
މި ދަލީލަށް ރައްދު ދެއްވަމުން ޢިލްމުވެރިން ވިދާޅުވަނީ، އެއްވެސް މަސްލަހަތަކީ ޝަރީޢަތާ އަރާރުންވެ ފުށުއަރާ ކަމެއް ނަމަ، އެއާ ދިމާއަށް ނުބެލެވޭނެއެވެ. އަދި އަނެއްކޮޅުން، ދީނުގައި މަނާ އެއްވެސް ކަމެއް ނުހިމެނި، ބައިވެރިވާ އަމާންކުރުމުގެ (ތަޢާވުނީ/ތަކާފުލް) ޒަރީޢާއިން، އަމާންކޮށްދިނުމުގެ ޚިދުމަތް ދެވެން އެބަ އޮތެވެ. ވީމާ، ވިޔަފާރި އަމާންކުރުމާ ދިމާއަށް ދުއްވައިގަންނާކަށް ނުޖެހެއެވެ.
ތިނެއް: ވިޔަފާރި އަމާންކުރުން ހުއްދައެއް ނޫން، ބައިވެރިވާ އަމާންކުރުން ހުއްދަ.
މި ޒަމާނުގެ ޖުމްހޫރު ޢިލްމުވެރިންނާއި އަދި ހުރިހާ ފިޤުހީ މަޖްމަޢްތަކުން ދެކޭ ގޮތުގައި، ވިޔަފާރީގެ ގޮތުގައި ދެވޭ އަމާންކޮށްދިމުގެ ޚިދުމަތަކީ، އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް ބައިވެރިވާ އަމާންކުރުން އެއީ ހުއްދަ ކަމެކެވެ. ވިޔަފާރި އަމާންކުރުން ޙަރާމް ކަމަށް ސުޢޫދިއްޔާގެ ބޮޑެތި ޢިލްމުވެރިންގެ މަޖުލިހުން 4/4/1397 ހ ގައި ޤަރާރު ނަމްބަރު 15 ނެރެފައިވެއެވެ. އަދި ރާބިޠަތުލް ޢާލަމުލް އިސްލާމީއަށް ތަބާވާ މަޖްމަޢުލް ފިޤްހުލް އިސްލާމީގެ ފުރަތަމަ ދައުރުގެ ބައްދަލުވުމުން، 1398ހ ގައި ޤަރާރެއް ނެރެފައިވެއެވެ. އަދި މުނައްޡަމަތުލް މުއުތަމަރުލް އިސްލާމީގެ މަޖްމަޢުލް ފިޤްހީ އަލްއިސްލާމީ، 1406ހ ގައި ނެރުނު ޤަރާރު ނަމްބަރު 6ގައި، ވިޔަފާރި އަމާންކުރުން ޙަރާމް ކަމަށް ބުނެފައިވެއެވެ. އަދި ހުއްދަ ކަމަށް ބުނާ މީހުންގެ ބަހަށް ޢިލްމީ ރައްދު ދީފައިވެސް ވެއެވެ.
އަމާންކުރުމާ(Insurance) ބެހޭގޮތުން، ގިނަ މީހުންނަށް ލިބިފައިވާ ޝަރުޢީ މަޢްލޫމާތު ވަރަށް މަދޭ ބުނުމުން ދޮގަކަށް ވާނެހެން ހީނުވެއެވެ. އަދި އަމާންކުރުމަކީ އޭގައި ޝަރުޢީ މައްސަލަތަކެއް އުޅޭ ކަމެއްކަން، ބައެއް މީހުން އަޑު އަހާފައިވިޔަސް، ވިޔަފާރި އަމާންކުރުމާއި (Commercial Insurance)، ބައިވެރިވާ އަމާންކުރުމުގައި(Cooperative Insurance) ތަފާތުތަކެއް ހުންނަ ކަމެއް، އޭގެތެރެއިން ބައެއް މީހުންނަށް ނޭނގެއެވެ. ތަފާތެއް ހުންނަކަން އެނގުނަސް، އޮޅުންބޮޅުން ގަނޑެއްގެ ތެރެއިން އެ ތަފާތު ނެރެ ވަކިކުރަން، އަނެއް ބަޔަކަށް ދަތިވެއެވެ. މިހެންވެ، މި ދެ ވައްތަރަކީވެސް އެކައްޗެކޭ ބުނާފަހަރު އާދެއެވެ.
އަނެއްކޮޅުން އަނެއް ބަޔަކު ދެކޭ ގޮތުގައި، ބައިވެރިވާ އަމާންކުރުން ހުއްދަވެފައި، މިއާ ވިޔަފާރި އަމާންކުރުމާ ތަފާތެއް ނެތް ހިނދު، ވިޔަފާރި އަމާންކުރުންވެސް ވާނީ ހުއްދަ އެއްޗަކަށެވެ. އަދި އަނެއް ބަޔަކު މީހުން މި މީހުންނާ މުޅިން އިދިކޮޅު ރައުޔަކަށް ދެއެވެ. އެ މީހުން ދެކޭ ގޮތުގައި، ވިޔަފާރި އަމާންކުރުމަކީ ޙަރާމް ކަމެކެވެ. އަދި މިއާ ބައިވެރިވާ އަމާންކުރުމާ އެއްވެސް ތަފާތެއް ނެތް ހިނދު، ބައިވެރިވާ އަމާންކުރުންވެސް ވާނީ ޙަރާމް އެއްޗަކަށެވެ.
ޣަރަރުގެ ޙަޤީޤަތް:
ޣަރަރުގެ މާނައަކީ، ވާނެގޮތް ނޭނގުމުގެ ނުރައްކަލެވެ. ޣަރަރު އުފެދޭ ގޮތަކީ، ފަހަރެއްގައި ވެދާނެ ކަމެއްގެ މައްޗަށް ދެ ފަރާތުން އެއްޗެއް (ފައިސާ ނުވަތަ އަގުކުރެވޭ އެއްޗެއް ބަދަލެއްގެ ގޮތުން) ދިނުމެވެ. އޭގެ ނަތީޖާއަކަށް ވާނީ އެއްފަރާތަށް ފައިދާވެފައި އަނެއް ފަރާތަށް ގެއްލުންވުމެވެ. މިގޮތަށް ވުމަށް އިޤްތިޞާދީ ޢިލްމުވެރިން ކިޔައި އުޅެނީ 'ނަތީޖާ ސުން ބަދަލުކުރުން' ނުވަތަ 'Zero-sum game' އެވެ.
ކުރީގެ ފިޤުހު ފޮތް ތަކުގައި، ޣަރަރުގެ މިސާލެއްގެ ގޮތުން ގެނެވިފައިވާ މިސާލުތަކުގެ ތެރޭގައި ބުނެފައި ވަނީ، ފިލާފައިވާ އަޅެއް ނުވަތަ ގެއްލިފައިވާ ޖަމަލެއް ވިއްކުމަކީ ޣަރަރު ހިމެނޭ ވިއްކުމެއް ކަމަށެވެ. ވީމާ ފިލާފައިވާ އަޅެއް ނުވަތަ ގެއްލިފައިވާ ޖަމަލެއް ފަދަ އެއްޗެހި ވިއްކުމަކީ، މި ޒަމާނުގެ ބަހުން ބުނާނަމަ 'ނަތީޖާ ސުން ބަދަލުކުރުންް' އެކެވެ. އެހެނީ ޖަމަލު ފެނިއްޖެނަމަ، އަސްލު އަގަށް ވުރެ މާބޮޑުތަން ހެޔޮކޮށް އެ ޖަމަލު ގަތް މީހާއަށް، އެ ވާނީ ފައިދާއަކަށެވެ. އަނެއްކޮޅުން ވިއްކި މީހާއަށް، ޖަމަލުގެ އަސްލު އަގާއި ވިއްކި ކުޑަ އަގާ ދެމެދު ހުރި ފަރަގު، އެ ވާނީ ގެއްލުމަކަށެވެ. އަދި ޖަމަލު ނުފެނިއްޖެނަމަ، އެ ގަތް މިހާއަށް އެއްވެސް އެއްޗެއް ނުލިބި، އެ ގަންނަން ދިން ފައިސާ ގެއްލިދިޔައީއެވެ. އަނެއްކޮޅުން، ގެއްލިފައިވާ އެއްޗެއް ވިއްކާލެވުނީތީ، ވިއްކި މީހާއަށް ވާނީ ފައިދާއެވެ.
ވިޔަފާރި އަމާންކުރުމަކީވެސް، ނަތީޖާ ސުން ބަދަލުކުރުމެކެވެ. އެއީ އަމާންކުރެވޭފަރާތް، ބައިތައް ދައްކާފައިހުއްޓާ، ގެއްލުމެއް ކުރިމަތި ނުވެއްޖެނަމަ، އެ ފައިސާތައް ވެގެންދާނީ ކުންފުންޏަށް ލިބޭ ފައިދާއަކަށެވެ. އަދި އަމާންކުރެވޭފަރާތަށް ލިބޭ ގެއްލުމަކަށެވެ. އަނެއްކޮޅުން ގެއްލުން ކުރިމަތިވެގެން، އެ ގެއްލުމުގެ ބަދަލު (ދެއްކި އެއްޗަކަށްވުރެ އެތައް ގުނައެއް އިތުރަށް) ކުންފުނިން ދީފިނަމަ، އެއީ އަމާންކުރޭވޭފަރާތަށް ލިބޭ ފައިދާއެކެވެ. އަދި ލިބިފައިހުރި ޖުމްލަ ބައިތަކާއި ދައްކަން ޖެހުނު ބަދަލާ ދެމެދު ހުރި ފަރަގަކީ އެއީ އަމާންކުރާފަރާތަށް ލިބޭ ގެއްލުމެކެވެ.
ވީމާ، ވިޔަފާރި އަމާންކުރުމުގެ ޢަޤުދަކީ، ބޮޑު ޣަރަރެއް ހިމެނޭ ޢަޤުދުތަކުގެ ތެރޭގައި ހިމެނޭ ޢަޤުދެކެވެ. އެއީ މި ޢަޤުދުގައި ދެފަރާތަށް ފައިދާވުމުގެ އެއްވެސް އިޙްތިމާލެއް ނޯންނާތީއެވެ. ކިއެއްތަ، މި ޢަޤުދަކީ އަބަދުވެސް، އެކަކަށް ފައިދާވިއްޔާ ކޮންމެހެންވެސް އަނެކަކަކަށް ގެއްލުންވާނެ ޢަޤުދެކެވެ.
އަމާންކުރުން ތަހްލީލީ ނަޒަރަކުން
އަމާންކުރުމުގެ ޢަޤުދުގެ ބޭނުމަކީ އަމާންކަން ހޯދުމޭ ބުނާ ބުނުމަކީ، އަމާންކުރުމުގެ ޢަޤުދު ތަޞައްވަރުކުރުމުގައި މައްސަލައެއް އެބަ އުޅޭކަން ދޭހަކޮށްދޭ ކަމެކެވެ.
އެހެނީ، ގެއްލުމާއި ނުރައްކާ މުޅިން އެއްކޮށް ދުރުކުރެވުމުން ނޫނީ، އަމާންކަމެއް އިޙްސާސެއް ނުވާނެއެވެ. އަމާންކަން އިޙްސާސްވުމުގެ މާނައަކީ، އެއްވެސް ބިރެއް ނުރައްކަލެއް ނެތުމެވެ. ނަމަވެސް، އަމާންކޮށްދިނުމުގެ ޚިދުމަތްދޭ ކުންފުނިން ކުރާ ކަމަކީ، އަމާންކޮށްދެވުނު އެތި ނުރައްކާތަކުން ސަލާމަތްކޮށް ޙިމާޔަތްކުރުމެއް ނޫނެވެ. ޢަޤުދުގެ މަޤްޞަދަކީ ފަހަރެއްގައިވެސް މިއެއް ނޫނެވެ. އޭގެ މަޤްޞަދަކީ، ނުރައްކަލެއް ކުރިމަތިވެ ގެއްލުންވުމުން އެ ލިބޭ ގެއްލުމުގެ ބަދަލު ލިބޭގޮތް ހެދުމެވެ.
ވީމާ މިއީ، ނުރައްކާ ކުރިމަތިވާ މިންވަރު މަދުކުރުމަށް މަސައްކަތް ކުރުމަށް ކުރެވޭ، ބެލެހެއްޓުމުގެ ޢަޤުދުފަދަ، މަސައްކަތު ޢަޤުދާ މުޅިން ތަފާތު އެއްޗެކެވެ. ބެލެހެއްޓުމުގެ ޢަޤުދަށް ބަލާއިރު، އެއީ އަމާނާތުގެ ޢަޤުދެކެވެ. އަދި އެ ޢަޤުދު ކުރެވެނީ ގެއްލުންތައް ކުޑަ ކުރުމަށް ކުރެވޭ މަސައްކަތަކަށެވެ. ނަމަވެސް، އަމާންކުރުމުގެ ޢަޤުދަކީ ޖާމިނުވުމަށް ކުރެވޭ ބަދަލުދިނުމުގެ ޢަޤުދެކެވެ. މީގައި ކުރާ އެއްވެސް މަސައްކަތެއް ނޯވެއެވެ. ކިއެއްތަ، އަމާންކުރުމުގެ ޢަޤުދުތަކުގެ ނައްޞުތަކުގައި ޝަރުޠުކޮށްފައި އޮންނާނީ، ކުރިމަތިވާ ގެއްލުމަކީ އެއީ އަމާންކުރެވޭފަރާތުގެ ބާރު ދަށުން ބޭރުގައިވާ ކަމަކަށް ވާންޖެހޭނެ ކަމަށެވެ.
ވިޔަފާރި އަމާންކުރުމަކީ، އެ ޚިދުމަތް ދޭ މީހުން ދައްކާ ވާހަކައާ އޭގެ ޙަޤީޤަތާ އަޅާބަލާއިރު، ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. ވިޔަފާރި އަމާންކުރުމުގެ ބޭނުމަކީ މީހުންނަށް އަމާންކަން ހޯދައިދިނުމޭ ބުނާއިރު، އަމާންކަމަށް އެންމެ ބޭނުން ޖެހިފައިތިބޭ، އެންމެ ބޮޑަށް ނުރައްކަލަށް ހުށައެޅޭ މީހުންނަށް، މި ޚިދުމަތް ދޭން ކުންފުނިތަކުން ދެކޮޅުހަދައެވެ.
އެއީ މިފަދަ މީހުން އަމާންކޮށްދީފިއްޔާ، ކުންފުންޏަށް ގެއްލުންވާނެ ކަމުގެ އިޙްތިމާލު ބޮޑުވާނެތީއެވެ. އަދި ބައެއްފަހަރު ޔަޤީންވެސް ވާތިއެވެ. އެހެންވެ، ކުންފުނިން އަބަދުވެސް ހޯދާނީ، ވީހާވެސް ކުޑަކޮށް ނުރައްކަލަށް ހުށައެޅޭ، ނުވަތަ އެއްގޮތަކަށްވެސް ނުރައްކަލެއް ކުރިމަތި ނުވާނެ މީހުންނެވެ. މި މީހުންގެ ހިތަށް މުސްތަޤުބަލާމެދު ބިރުވެރިކަން ވައްދައިގެން، އަމާންކުރުވީމާ، ކުންފުންޏަށް ލިބޭނީ ހުސްފައިދާއެވެ. މާނައަކީ، ވިޔަފާރި އަމާންކޮށްދިނުމުން ކުރާ ކަމަކީ، އަމާންކަން ލިބިފައިވާ މީހާގެ އަމާންކަން އިތުރުކޮށްދީ، ނުރައްކަލުގެ ބިރު ކުރިމަތިވެފައިވާ މީހާ އިތުރަށް ބިރުގެންނެވުމެވެ. ރިބާ ބޭންކުތަކުންވެސް ކަންތައް ކުރަނީ މިކަހަލަ އުޞޫލަކުންނެވެ. ބޭންކުތަކުންވެސް ދަރަނި ދޭނީ، އެންމެ ކުޑަކޮށް ދަރަންޏަށް ބޭނުންޖެހިފައި ތިބޭ ފުދޭވަރެއްގެ ތަނަވަސް މީހުންނަށެވެ. ފައިސާ ފޮއްޗަކަށް އެންމެ ބޮޑަށް ބޭނުންޖެހިފައި ތިބޭ ފަޤީރުންނަށް، ދަރަނި ދިނުމަކީ ބޭންކުތަކުން ދަންނަ ކަމެއް ނޫނެވެ.
މީގެ ނަތީޖާއަކީ މުއްސަނިދި މީހާ އިތުރަށް މުއްސަނދިވެފައި، ފަޤީރުމީހާ އިތުރަށް ފަޤީރުވުމެވެ. އަދި އަމާންކުރުމުގެ ޚަރަދުތައް ހޭދަކުރުމުގެ ކުޅަދާނަކަން ލިބިފައި ތިބެނީ މުއްސަނދިން ކަމަށްވުމުގެ ނަތީޖާއަކަށް ވާނީ، މުއްސަނދި މީހާއަށް އިޙްސާސްވާ އަމާންކަން އިތުރުވެ، އަނެއްކޮޅުން ފަޤީރުމީހާގެ ބިރުވެރިކަން އިތުރުވުމެވެ. މިހެން މިކަންތައްތައް ވެފައި މިވަނީ، އަމާންކޮށްދިނުމާއި ދަރަނި ދިނުމަކީ، ފައިދާ ހޯދުމުގެ ބޭނުމުގައި ބަޔަކު ކުރާ ވިޔަފާރިއަކަށް ވެފައިވާތީއެވެ. މި ދެކަންތައް، އިސްލާމީ ޝަރީޢަތް ބޭނުންވާ މަގުން ކައްސާލާފައިވާތީއެވެ. އިސްލާމްދީން ދެކޭ ގޮތުގައި، ދަރަންޏާއި އަމާންކަމަކީ އެއަށް ބޭނުންޖެހިފައި ތިބޭ ބަޔަކަށް ދެވޭ ޚިދުމަތެކެވެ. އެހީއެކެވެ. މި ދެ މައިދާނަކީ ފަހަރެއްގައިވެސް، ބޮޑު މަސްތައް ކުދި މަސްތައް ކާލާ އުސޫލު އޮވެގެންވާނެ، މައިދާނެއް ނޫނެވެ.
އަމާންކުރުމުގައި ދައްކާ ބައިތައް ކަނޑައެޅުމުގައި ގެންގުޅޭ ތަފާސްހިސާބު ދެކޭ ގޮތުގައި، އަމާންކުރުމުގެ ޚިދުމަތް ލިބިގަންނަ މީހުންގެ ތެރެއިން، ނުރައްކާ ކުރިމަތިވާނީ މަދު ބަޔަކަށެވެ. ވީމާ ޚިދުމަތް ލިބިގަތް އެންމެން އަތުން ފައިސާ އަތުލުމަށްފަހު، މަދު ބަޔަކަށް ގެއްލުން ކުރިމަތިވެ، ބަދަލު ދޭން ޖެހުނީމާ، ލިބިފައިހުރި ޖުމްލަ ފައިސާއިން އެކަން ކުރެވޭނެއެވެ. އަދި، ގެއްލުމެއް ކުރިމަތި ނުވެ ދެން ބާކީ ތިބި މީހުންނަށް ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި، ގެއްލުން ކުރިމަތި ނުވާނެ ކަންވެސް، އަންދާސީ ހިސާބު ޢިލްމުގެ އެހީގައި، ކުންފުނިން ލަފާކޮށް ދެނެގަނެއެވެ. ނަމަވެސް މި ލަފާކުރުމާ ޚިލާފަށް ކަންތަށްވެ، ގިނަ ބަޔަކަށް އެއްފަހަރާ ގެއްލުންތައް ކުރިމަތިވެއްޖެނަމަ، ބަދަލު ދިނުމަށް ކުންފުންޏަށް ނުކުޅެދޭނެއެވެ. މިފަދަ ހާލަތެއްގައި ދެން ކުންފުންޏަށް ޖެހޭނީ، އެހެން ކޮންމެވެސް ގޮތަކުން ފައިސާ ހޯދޭނެ ގޮތެއް ހަމަޖައްސާށެވެ. ނޫނީ ބަނގުރޫޓުވުމާ ކުންފުނި ކުރިމަތިލާންޖެހޭނެއެވެ.
އަމާންކުރުމަކީ، މި ކިޔާ މިއުޒިކު ގޮނޑި ކުޅިއާ ވައްތަރު އެއްޗެކޭވެސް ބުނެވިދާނެއެވެ. މިއުޒިކު ގޮނޑި ކުޅީގައި ހުންނާނީ ވަކި ޢަދަދެއްގެ ގޮނޑިއެވެ. އަދި އެ ޢަދަދަށް ވުރެ ގިނަ ޢަދަދެއްގެ ކުޅޭ މީހުންނެވެ. ދެން މިއުޒިކު ހުއްޓާ ނުލާ ކުޅެކުޅެ ހުންނަހާ ހިނދަކު، ކުޅޭ މީހުންތައް ގޮނޑިތައް ވަށައިގެން ދުވެދުވެ ތިބޭނެއެވެ. ގޮނޑި ނުލިބުމުގެ މައްސަލައެއް އަދި އެ ހިސާބުން ކުރިމަތި ނުވާނެއެވެ. ނަމަވެސް، މިއުޒިކު ހުއްޓާލެވޭއިރަށް، އެންމެން އިށީންނަން ދުއްވައިގަތީމާ، ކޮންމެވެސް ބަޔަކު ގޮނޑި ނުލިބި ބާކީވާނެއެވެ. މީހުންގެ ޢަދަދަށް ވުރެ، ގޮނޑީގެ ޢަދަދު މަދުވުމަކީ، މި ކުޅިވަރުގެ ޤަވާޢިދު އޮންނަ ގޮތެވެ. ދެން އަމާންކޮށްދިނުމަށް ބަލާއިރުވެސް، އެތަށް ހާސް ބަޔަކަށް އަމާންކޮށްދިނުމުގެ ޚިދުމަތް ކުންފުނިން ދޭނެއެވެ. ނަމަވެސް، އޭގެ ތެރެއިން މަދު ނިސްބަތަކަށް މެނުވީ، ބަދަލު ދިނުމުގެ ޤާބިލުކަމެއް ނުހުންނާނެއެވެ. (މީހުންގެ ޢަދަދަށް ވުރެ ގޮނޑި މަދުވާނެއެވެ.) އެކަކަށްވެސް ގެއްލުމެއް ކުރިމަތި ނުވަންޏާ، ނުވަތަ ޖުމްލަ ޢަދަދާ އަޅާ ބަލާއިރު ގެއްލުންވި މީހުންގެ ނިސްބަތް ދަށިއްޔާ (މިއުޒިކު ކުޅެ ކުޅެ ހުރިއްޔާ) ހާސްވާކަށް ނުޖެހެއެވެ. ނަމަވެސް މިއުޒިކު ހުއްޓި، ކުންފުނިން ޚިދުމަތް ލިބިގަންނަ މީހުންގެ ތެރެއިން ބޮޑު ނިސްބަތަކަށް ގެއްލުން ކުރިމަތިވެއްޖެނަމަ، ބަދަލު ދޭނެ ފައިސާއެއް ކުންފުނި އަތަކު ނުހުންނާނެއެވެ. (އިށީންނާނެ ގޮނޑިއެއް ނުހުންނާނެއެވެ.)
ވިޔަފާރި އަމާންކުރުމުގެ ދިފާޢުގައި، މި ހިސާބުން މީހަކު ބުނެފާނެ އަނެއް ވާހަކައަކީ، ބަލަން ޖެހޭނީ ޢާއްމުކޮށް ކަންތައް ވާގޮތަށް ކަމަށެވެ. ޢާއްމުކޮށް ކަންތައް ވާގޮތުން، ގެއްލުން ކުރިމަތިވަނީ މަދު ބަޔަކަށެވެ. ވީމާ ބަދަލު ދިނުމުގެ ކުޅަދާނަކަން، ކުންފުންޏަށް ލިބިގެންވެއެވެ. ޢާއްމު ހާލަތަށް ބަލާއިރު، ބަދަލު ލިބޭނެ ކަމުގެ އިތުބާރު، އަމާންކުރެވޭފަރާތަށް ލިބެއެވެ. ވީމާ ބަދަލު ލިބޭނެ ކަމުގެ ހިތްހަމަޖެހުން އޭނާއަށް އެބަލިބެއެވެ.
ހުއްދަ ގޮތުގައި އަމާންކުރުން
ޙަރާމް އެއްޗަކާ، އެފަދަ އެހެން ޙަރާމް އެއްޗަކާ އެއްކުރެވިއްޖެނަމަ، އެއީ ޝަރީޢަތުގައި ހުއްދަ އެއްޗަކަށް ބަދަލުވެދާނެހެއްޔެވެ؟ ނޫނީ، ޙަރާމް މަދު އެއްޗެއް، ގިނަވެއްޖެނަމަ އެ ހުއްދަވެދާނެހެއްޔެވެ؟
އަހަރެމެން ދަނަންގޮތުގައި، އެއްފަހަރު ކުރުން ޙަރާމް، ނަމަވެސް އެއްހާސްފަހަރު ކުރުމުން ޙަލާލްވާ ވިޔަފާރި ޢަޤުދެއް އިސްލާމީ ޝަރީޢަތުގައި ނުއޮވެއެވެ. އަދި އެކަކަށް ވިއްކުން ޙަރާމްވެފައި، ހާސްބަޔަކަށް ވިއްކުން ޙަލާލް އެއްޗެއްވެސް ނުވެއެވެ. މި ނުން ގޮތަށް ބެލުމަކީ މިއީ އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާއި ޤަވާޢިދުތަކާއި މުޅިން ޚިލާފު ކަމެކެވެ. އެހެނީ އިސްލާމީ ޝަރީޢަތުގައި، ގިނަ މިންވަރުން މަސްތުވާ އެއްޗެއްގެ މަދުމިންވަރަކީވެސް ޙަރާމް އެއްޗެކެވެ. އަދި މި ގޮތަށް ބެލުމަކީ ބުއްދިއާވެސް ޚިލާފުކަމެކެވެ. އެހެނީ، އެއް ޢަޤުދު މަނާވުމުގެ މާނައަކީ، އޭގައިވާ ފަސާދައިގެ މިންވަރު ބޮޑުކަމެވެ. ވީމާ، ޢަޤުދުގެ ޢަދަދު ގިނަވުމުން އެ ހުއްދަވެ، މަޞްލަޙަތަކަށް ބަދަލުވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -ރަޙިމަހުއްﷲ- ވިދާޅުވިއެވެ: ''ކުޑަ ގެއްލުމެއްވެސް އޮވެގެން، ކަމެއް ޙަރާމްކުރުމަށް ފަހު، ހަމަ އެ ގެއްލުން ގިނަވެ ބޮޑުވުމުން އެކަމެއް ހުއްދަކުރުމަކީ، ޝަރީޢަތް އެކަމަކުން ބަރީއަވެގެންވާ ކަމެއްކަން، ވިސްނާ ފިކުރުކޮށްފި މީހަކަށް އެނގޭނެއެވެ.''
ފަރުދީގޮތަކަށް އަމިއްލަ ފަރުދުންގެ ތެރޭގައި ކޮށްފިއްޔާ، އަމާންކުރުމަކީ އެއީ ޣަރަރާއި ޖުވާކަމަށް، އެ މީހުން އެއްބަސް އެބަވެއެވެ. ވީމާ މީގެ މާނައަކީ، ވަކި ފަރުދަކާ ޖެހޭއިރު، އެއްކަލަ އަންދާސީހިސާބުގެ ޤާނޫނުތަކަކީ އޮންނަ އެއްޗެއް ކަމަށް، އެ މީހުން އިޢުތިރާފު ނުވާކަމެވެ. ނަމަވެސް ޢަޖާއިބު ކުރުވަނިވި ކަމަކީ، ގިނަ ޢަދަދެއްގެ ބަޔަކާއެކު ކުންފުންޏަކުން ހަމަ މި ޢަޤުދު ކުރަންޏާ، އެއީ ހުއްދަ ކަމެއް ކަމަށް އެ މީހުން އެބަ ބަލައެވެ. އަހަންނަށް ފެންނަ ގޮތުގައި ''ހުއްދަކުރަންޏާ'' ހުއްދަކުރުން އައުލާކަން ބޮޑީ، ދެ ފަރުދެއްގެ ދެމެދުގައި އަމިއްލައަށް މި ޢަޤުދު ކުރެވޭއިރެވެ.
އެހެނީ މި ހާލަތުގައި މި ޢަޤުދަކީ ދޭދޭ މީހެއްގެ ދެމެދުގައި ކުރެވިފައިވާ، އަދި ބޭރު އެހެން އެއްވެސް މީހަކާ ގުޅުމެއް ނެތް ޢަޤުދެކެވެ. ގިނަބަޔަކާ އެކު ޢަޤުދުކުރުން، މިއީ މި ޢަޤުދު ހުއްދަވުމުގެ ޝަރުޠަކަށް ބެލޭކަމަށްވަންޏާ، މި ޢަޤުދަކީ ދޭދޭ މީހުންގެ މެދުގައި ކުރެވޭ ޢަޤުދެއްކަމުގައި ނުވެއެވެ. ކިއެއްތަ، މިއީ ޖަމާޢީ ޢަޤުދެކެވެ. އަދި މިއީ ހަމައެކަނި އަމާންކުރެވޭފަރާތާއި ކުންފުންޏާއި ދެމެދު އޮންނަ ގުޅުން ތަންޒީމުކުރާ ޢަޤުދެއްކަމުގައިވެސް ނުވެއެވެ. ކިއެއްތަ، މިއީ އަމާންކޮށްދެވޭ ހުރިހާ ފަރާތތަކެއް، ނުރައްކާތަކާ ކުރިމަތިލުމުގެ ކަންތައްތައް ތަންޒީމުކޮށްދޭ ޢަޤުދެކެވެ. ޢަޤުދުގައި މިވާހަކައަށް އެއްބަސްވެއްޖެނަމަ، ބެލެވޭނީ މިއީ ''ބައިވެރިވާ އަމާންކުރުން'' ކަމަށެވެ. އެކަމަކު މި އަސާސުގެ މައްޗަށް މި ޢަޤުދު ބިނާ ނުކުރެވި، ޙައްޤުތަކާއި އިލްތިޒާމުތަކަކީ، ކުންފުންޏާއި އަމާންކުރެވޭފަރާތާ ދެމެދު އޮންނަ ކަމަކަށް ވަންޏާ، ޢަޤުދު ހުއްދަ ޢަޤުދެއްކަމުގައި ބަލަން، ގިނަފަރާތްތަކަކާ އެކު ޢަޤުދު ހެދުން ޝަރުޠުކުރުން އެއީ މާނައެއް ހުރި ކަމެއް ނޫނެވެ.
އަދިވެސް ބުނަން އޮތީ: އަމާންކުރެވޭފަރާތަށް ކުންފުނިން ފުރިހަމަކޮށްދޭ އިލްތިޒާމުތައް، ފުރިހަމަކޮށްދެވުން ހުއްޓިފައިވަނީ، އެހެން ފަރާތްތަކުން ދައްކާ އިޝްތިރާކުތަކުގެ މައްޗަށް ކަމަށްވަންޏާ، އެ ވާހަކަ ޢަޤުދުގައި ރީއްޗަށް ބަޔާންކުރާށެވެ. މި ގޮތަށް ބަޔާންކޮށްފިނަމަ އެ ވާނީ ބައިވެރިވާ އަމާންކުރުމަކަށެވެ. އޭގެ މައްޗަށް ހުއްޓިފައި ނުވާނަމަ -ވިޔަފާރި އަމާންކުރުމުގައި އޮންނަފަދައިން-، ގިނަ ބަޔަކާ އެކު ޢަޤުދު ހެދުން ޤާނޫނުގައި ޝަރުޠުކުރެވިފައި ވަނީ ކީއްކުރަންހެއްޔެވެ؟ މިއީ ކޮންމެހެން ބޭނުން ޝަރުޠެއް ނަމަ، އެކަން ސަރީޙަކޮށް ބުނާށެވެ. ބޭނުމެއް ނެތް ނަމަ، ޝަރުޠުކުރުމުގެ ބޭނުމެއް ނެތެވެ. ދެން ޢަޤުދު ހުއްދަވުމަށްޓަކައި، ގިނަބަޔަކާ އެކު ޢަޤުދުކުރުން ޝަރުޠުކުރެވިފައި، ނަމަވެސް ޙައްޤުތަކާއި އިލްތިޒާމުތަކާ ޖެހޭ އިރު، އެއީ ހަމައެކަނި ކުންފުންޏާއި ޢަޤުދުކުރެވޭފަރާތާ ދެމެދު އޮންނަ އެއްޗެއް ކަމަށް ބެލުމަކީ، ދެކޮޅު ނުޖެހޭ ކަމެކެވެ.
ހުއްދަކުރާ މީހުންނާއި މަނާކުރާ މީހުންވެސް އިއްތިފާޤުވާފަދައިން، އަމާންކުރުމުގެ މަޤްޞަދަކީ، ކުރިމަތިވާ ނުރައްކާތައް ފޫބައްދައި، ލިބޭ ގެއްލުންތައް މުސްލިމުންގެ ގިނަ ބައެއްގެ މެދުގައި ބަހާ ކުދިކުދިކޮށްލުމެވެ. ފެންނަގޮތުގައި، މީގެ ބޭނުމަކީ ފަހަރެއްގައިވެސް، ކުންފުނީގެ މުއްސަނދިކަން އިތުރުކޮށް، މާކަ ބޮޑު ފައިދާގަޑެއް ހޯދުމެއް ނޫނެވެ. ކިއެއްތަ، ކާރިސާތަކުން ލިބޭ ގެއްލުންތަކުގެ އަސަރު ކުޑަކުރެވޭ ވަރަކުން ކުޑަކުރުމެވެ. ވީމާ ޝައްކެއްވެސް ނެތް ގޮތުގައި، މި މަޤްޞަދަކީ މާތް، ހެޔޮ މަޤްޞަދެކެވެ. އަދި މީގެ ބޭނުމަކީ އެހީތެރިވުމެވެ.
އެހީތެރިވުމަކީ، ހަމަހިލޭ ކަންތައްތަކުގެ ތެރެއިން، މާތް ކަމެކެވެ. އިސްލާމްދީން އެކަމަކަށް ހިތްވަރުދޭ، އެއަށް އެތަކެއް ދޮރެއް ހުޅުވާލާފައިވާ ކަމެކެވެ. ހަމަހިލޭ ކަންތައްތައް ތަންޒީމުކުރަންޖެހޭ ހަމައެކަނި ގޮތަކީ މިއޭ ބުނެ، ދީނުގައި އެކަމަށް ހުރަސްތަކެއް ބާއްވާފައި ނެތެވެ. ވީމާ ހަމަހިލޭ ކަންތަކަކީ، ކޮންމެ ޒަމާނެއްގައިވެސް އެ ޒަމާނެއްގެ އަހުލުވެރިންނާ ގުޅޭ ގޮތަކަށް ތަންޒީމުކުރަން ދޫކޮށްލެވިފައިވާ ކަމެކެވެ. އެއް ރަށެއްގެ ނުވަތަ ޢާއިލާއެއްގެ ނުވަތަ އެއް މަސައްކަތް ކުރާ ބައެއްގެ މެދުގައި އެއްބާރުލައި އެހީތެރިވުމުގެ ގޮތުން މިއަދު މި ވަނީ، ޚައިރީ ޖަމްޢިއްޔާތަކާއި، ޚައިރީ ފޮށިފަދަ ވަސީލަތްތައް، އުފެއްދިފައެވެ. އަމިއްލަ ފައިދާއެއް ހޯދުމުގެ ބަދަލުގައި، ޖަމާޢީ މަޞްލަޙަތަށް ކުރެވޭ ކަމެއްގެ ގޮތުގައެވެ. ހުއްދަ ކަމަށް، ޢިލްމުވެރިން ވިދާޅުވާ ބައިވެރިވާ އަމާންކުރުމަކީވެސް މިފަދަ، މަޤްޞަދެއްގައި ކުރެވޭ، އެއްބާރުލުމާއި އެހީތެރިވުމުގެ ޢަމަލެކެވެ.
ބައިވެރިވެ، ހަމަހިލޭ ދިނުމަކީ އަމާންކުރުމުގެ އަސްލުކަމަށް ވެއްޖެނަމަ، ކުރިން އޭގައި ހިމެނިފައިވާ ޝަރުޢީގޮތުން މަނާ ސިފަތައް ނެތިގެން ދާނެއެވެ. އަދި މި ހާލަތުގައި އަމާންކުރުމަކީ، ނަތީޖާ ސުން ބަދަލުކުރުމަކަށް ނުވާނެއެވެ. ސަބަބަކީ، އަމާންކޮށްދެވޭމީހާ މި ހާލަތުގައި ވާނީ ހަމަހިލޭދޭ މީހަކަށެވެ. އޭނާއަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ލިބޭނެތޯ ނޫންތޯ، އެއީ އޭނާއަށް މުހިއްމު ކަމެއް ނޫނެވެ. ވީމާ، ބައިވެރިވާ އަމާންކުރުން ބިނާވެފައި އޮންނަނީ މާފުކުރުމުގެ މައްޗަށެވެ. އަނެއްކޮޅުން، ވިޔަފާރި ބަދަލުކުރުންތައް ބިނާވެފައި އޮންނަނީ، ފައިދާ ހޯދުމާއި ދޫނުކުރުމުގެ މައްޗަށެވެ.
ބައިވެރިވާ އަމާންކުރުމާއި ވިޔަފާރި އަމާންކުރުމާ ދެމެދު ހުރި އެންމެ ފާހަނގަކުރެވޭ ފަރަގަކީ، ގެއްލުންތަކުގެ ބަދަލު ދޭނެކަމަށް ވެވޭ އިލްތިޒާމު ނުވަތަ ޖާމިނުވުމެވެ. ވިޔަފާރި އަމާންކުރުން އުފެދެނީ، އަމާންކުރެވޭފަރާތް ދައްކާ ބައިތަކުގެ ބަދަލެއްގެ ގޮތުން، އޭނާއަށް ލިބޭ ގެއްލުންތަކުގެ ބަދަލު ކުންފުނިން ދޭނެކަމަށް ޖާމިނުވުމުންނެވެ. ނަމަވެސް، ބައިވެރިވާ އަމާންކުރުމުގައި، ގެއްލުންތަކަށް ދެވޭ ބަދަލަކީ، ޖާމިނު އެއްޗެއް ނޫނެވެ. އެހެނީ މީގައި ގެއްލުންތަކަށް ބަދަލު ދެވެނީ، ކުންފުނީގެ އަތުގައި ހުރި އިޝްތިރާކު ހުރި ވަރަކުންނެވެ. ގެއްލުންތަކަށް ބަދަލު ދެވޭވަރަށް ފައިސާ ނެތް ނަމަ، ގެއްލުންތަކަށް ދައްކަން ޖެހޭ މިންވަރު ފުރިހަމަކުރަން މެންބަރުން އަތުން އިތުރު އިޝްތިރާކު އަތުލެވޭނެއެވެ.
ފުދޭވަރަށް ފައިސާ އިތުރު ނުކުރެވިއްޖެނަމަ، ބަދަލެއް ނުދެވޭނެއެވެ. ނޫނީ ފަހަރެއްގައި، މެންބަރުން ދައްކާފައިވާ އިޝްތިރާކުން ކުންފުނި އަތުގައި ހުރި ފައިސާއިން ދެވެން އޮތް ވަރަކަށް ގެއްލުންތަކުގެ ބަދަލު ދޭނީއެވެ. މިހެން މިކަން ވުމުގެ ސަބަބަކީ، ބައިވެރިވާ އަމާންކުރުމުގައި، ވިޔަފާރި އަމާންކުރުމުގައި އޮންނަހެން، ގެއްލުންތައް ފޫބައްދައިދޭނެ ކަމުގެ ޖާމިނުވުމެއް ނޯންނާތީއެވެ.
ކުރިންވެސް ބުނެވިފައިވާނެ ފަދައިން، ވިޔަފާރި އަމާންކުރުން ހުއްދަ ނުވަނީ، ޖާމިނުވުމަށް ފައިސާ ނުވަތަ ބަދަލެއް އަތުލެވޭތިއެވެ. ވީމާ ޢަޤުދުގައި ޖާމިނުވުމެއް ނެތްނަމަ، ޢަޤުދު ހުއްދަ އެއްޗަކަށް ބަދަލުވެގެންދާނެއެވެ.
ބައިވެރިވާ އަމާންކޮށްދޭ ކުންފުންޏަކީ (މާލީ މުދީރެއް) ނުވަތަ އަމާންކުރެވޭފަރާތްތަކުގެ މެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތެކެވެ. މެދުވެރިކަމުގެ ޢަޤުދުތަކަކީ، އެއީ އާމާނަތުގެ ޢަޤުދުތަކެކެވެ. ނަމަވެސް، ވިޔަފާރި އަމާންކޮށްދޭ ކުންފުނިތަކުން، އަދާކުރަނީ ޖާމިނުވުމުގެ މެދުވެރިކަމެވެ. އެހެނީ ވިޔަފާރި ކުންފުނި އަމާންކުރެވޭފަރާތްތަކާ އެކު ހަދާ ޢަޤުދުތަކަކީ، ޖާމިނުވުމުގެ ޢަޤުދުތަކެކެވެ. ދެން ޙަޤީޤަތުގައި ޖާމިނުވުމުގެ ޢަޤުދަކީ، ޢާއްމު އިޤްތިޞާދީ މާނައިގައި ނޫނީ، މެދުވެރިކަމުގެ ޢަޤުދެއް ނޫނެވެ. ޤާނޫނީ ގޮތުން ބަލާއިރު އެއީ މެދުވެރިކަމުގެ ޢަޤުދެއް ނޫނެވެ. އެހެނީ، ޖާމިނުވާމީހާ ޢަޤުދެއްކުރާއިރު ކުރާނީ، އަސްލުމީހެއްގެ ގޮތުގައެވެ. އެހެން މެންބަރުންގެ ފަރާތުން ހުރި ނާއިބެއްގެ ގޮތުގައެއް ނޫނެވެ.
ނަމަވެސް މިއާ ޚިލާފަށް، ބައިވެރިވާ އަމާންކުރުމުގައި، ކުންފުންޏަކީ އަމާންކުރުމުގެ ޚިދުމަތް ލިބޭ މެންބަރުންގެ ފަރާތުން ހުންނަ ނާއިބެކެވެ. ވީމާ މެންބަރުން ދައްކާ އިޝްތިރާކުތަކަކީ، ކުންފުނީގެ ބެލުމުގެ ދަށުގައި ހުންނަ އަމާނަތެކެވެ. އެއީ ކުންފުނި ޖާމިނުވާއެއްޗެއް ނޫނެވެ. ނާއިބެއްގެ ގޮތުން އަދާކުރާ މެދުވެރިކަމުގެ އަމާންކުރުމަކީ، ޖާމިނުވުމުގެ މައްޗަށް ބިނާވެފައި އޮންނަ މެދުވެރިކަމަށް ވުރެ ފުރިހަމައަށް މަސައްކަތް ކުރާ ނިޒާމެއްކަމަށް، އިޤްތިޞާދީ ގޮތުން ވަނީ ސާބިތުވެފައެވެ.
މަތީގައިވާ ދެ ވައްތަރުގެ މެދުވެރިކަމަކީ، ފައިސާ ބޭނުންވާ މީހުންނަށް ފައިސާ ފޯރުކޮށްދިނުމުގައި އޮންނަ ދެ ވައްތަރުގެ މެދުވެރިކަމާވެސް އެއްފަދަ އެއްޗެކެވެ. އިސްލާމީ ބެންކުން ކުރާ ކަމަކީ، ބޭނުންވާ ވަރަށް ވުރެ ގިނައިން އަތުގައި ފައިސާ ހުންނަ މީހުންނާއި، ފައިސާ ނެތިގެން އުޅޭ މީހުންނާ ދެމެދު، އަމާނަތުގެ ޢަޤުދުތަކުގެ ތެރެއިންލާފައި (މުޟާރަބާ، މުޝާރަކާ، ވަކާލާ) މެދުވެރިއެއްގެ ދައުރު އަދާކުރުމެވެ. ނަމަވެސް، ރިބާ ބޭންކުން، ފައިސާ ގިނަ މީހުންނާއި ފައިސާއަށް ބޭނުންވާ މީހުންނާ ދެމެދު ކުރާކަމަކީ، ދަރަނި ދިނުމުގެ މެދުވެރިކަމެވެ. އަދި މިއީ ޖާމިނުވުމުގެ ޢަޤުދެކެވެ.
އަމާންކުރުމުގެ ދެ ވައްތަރުގައި ހުންނަ ފަރަގުތަކުގެ ތެރޭގައި ހިމެނޭ އަނެއް ފަރަގަކީ، ބަދަލުދޭނެކަމަށް ކުންފުނިން ވެފައިވާ އިލްތިޒާމުތަކަށް ވަފާތެރިވުމުގެ ކުޅަދާނަކަމެވެ. ވިޔަފާރި އަމާންކުރުމުގައި، ކުންފުނިން ލަފާކޮށްފައިވާ ވަރަށް ވުރެ ގިނަ ޢަދަދެއްގެ ބަޔަކަށް ގެއްލުންވެއްޖެނަމަ، އެ އެންމެންނަށް ބަދަލު ދިނުމަކީ ކުންފުންޏަށް ކުޅެދާނަ ކަމެއް ނޫނެވެ. ކުރިންވެސް ބުނެވިދިޔަހެން، މިއިން ދޭހަކޮށްދެނީ، މިވެނިވަރެއް ދޭނެ ކަމަށް ކުރީއްސުރެ ކުންފުނިން ވެފައިވާ ވަޢްދަކީ ދޮގު ވަޢްދެއް ކަމެވެ. ދެން ބައިވެރިވާ އަމާންކުރުމުގައި އޮންނަ ގޮތަކީ، ގެއްލުން ލިބޭ މީހުންނަށް ބަދަލު ދެވެނީ، ކުންފުނީގައި ބައިވެރިވަފައި ތިބޭ އެންމެން ބައިވެރިވެގެންނެވެ. ބަދަލު ދެވޭނީ، މެންބަރުން ދައްކާފައި ހުރި އިޝްތިރާކުން ފުއްދޭވަރަކުންނެވެ.
ވީމާ، ބައިވެރިވާ އަމާންކުރުމުގައި، ގެއްލުމެއް ވެއްޖެނަމަ، ސީދާ މިވެނިވަރެއް ލިބޭނެ ކަމަކަށް، އަމާންކޮށްދެވޭމީހާ ނުބަލާނެއެވެ. އެކަމަކު އޭނާ ބަލާނީ، ކުންފުނީގައި ބައިވެރިވެފައި ދެން ތިބި އެހެން މެންބަރުން، ފަންޑުގައި ފައިސާގެ ކުޅަދާނަކަން ހުރި މިންވަރަކުން، އޭނާގެ ގެއްލުން ފޫބައްދައިދޭނެ ކަމަށެވެ. އޭނާއަށް އިޙްސާސްވާ ހިތްހަމަޖެހުން އަންނަނީ، ދެންތިބޭ މީހުން އޭނާއަށް އެހީތެރިވާނެކަން އެނގުމުންނެވެ. ވިޔަފާރި އަމާންކުރުމުގައި އޮންނަހެން، ބަދަލު ލިބޭނެކަމަށް ވެވިފައިވާ، ޙަޤީޤަތުގައި ތެދުވެރި ނޫން، ވަޢްދެއްގެ ސަބަބަކުން ނޫނެވެ.
ބައިވެރިވާ އަމާންކުރުމަކީވެސް، މިންވަރު ކަނޑައެޅިފައިވާ ބަދަލެއް ދެވޭ ޢަޤުދަކަށް ވާނަމަ، އެވާނީ ހަމަ ވިޔަފާރި އަމާންކުރުމެކޭ އެއްފަދައިން، ޙަޤީޤަތެއް ނެތް ތެދުނޫން ވަޢްދަކަށެވެ. އަދި އަމާންކުރެވޭފަރާތަށް ލިބޭނެ ހިތްހަމަޖެހުމެއްވެސް ނޯންނާނެއެވެ. އަދި ކަނޑައެޅިފައިވާ ޢަދަދުގެ ނުލިބިއްޖެނަމަ، އޭނާ ދެއްކި ބައިތައްވެސް ވާނީ، އޭނާއަތުން ބޭކާރުވި ފައިސާތަކެއް ކަމަށެވެ. އަދި މި ޙާލަތުގައި މި ޢަޤުދުވެސް ވެގެންދާނީ، ފައިދާވުމުގެ ބޭނުމުގައި ކުންފުނިން ކުރި ޢަޤުދަކަށެވެ. އަދި ވިޔަފާރި އަމާންކުރުމުގައި ހުންނަ ނުރަނގަޅު ކަންތައްތައް، މީގެ ތެރެއަށްވެސް ވަންނާނެއެވެ.
ދެފަރާތުންވެސް އެއްޗެއް ދީގެން، އެކަކު އަނެކަކާ ބައިވެރިވުމަކީ، އިއްޔެ މިއަދުކު ފެށުނު ކަމެއް ނޫނެވެ. ''އަހަންނަށް ދޭމަތިން ކަލެއަށް ދޭނަން'' މި އުސޫލަށް ފެއްތިދާނެ އެތަކެއް މިސާލުތަކެއް، ސުންނަތުން ފެންނަން އެބަ އޮތެވެ. އޭގެތެރެއިން އެންމެ ހާމަ މިސާލަކީ، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެބަޔަކަށް މަދަޙަކިއުއްވި، އަޝްޢަރީން ކަންތައް ކުރިގޮތެވެ. ޞަޙީޙް ބުޚާރީއާއި މުސްލިމުގައި އައިސްފައިވެއެވެ: ''އަޝްޢަރީން، ހަނގުރާމައިގައި އެމީހުންގެ އަންހެނުން ހުވަފަތްވެ، ނުވަތަ މަދީނާގައި ދަރިންނަށް ދޭނެ ކާއެއްޗެހި މަދުވެއްޖެނަމަ، އެންމެން އަތުގައި ހުރި އެއްޗެއް ފޮތިގަނޑަކަށް އަޅައި، އަދި އެ މީހުންގެ މެދުގައި ހަމަހަމައަށް އެ ބަހައެވެ. ފަހެ އެބައިމީހުންނަކީ، ތިމަންކަލޭގެފާނުންގެ ބައެކެވެ. އަދި ތިމަންކަލޭގެފާނަކީ އެބައިމީހުންގެތެރެއިން މީހެކެވެ.''
އަދިވެސް ޞަޙީޙް ބުޚާރީއާއި މުސްލިމުގައި އައިސްފައިވެއެވެ: ޖާބިރު ބިން ޢަބްދުﷲ -ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ: ''އައްސޭރި ހިސާބަކަށް، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސަރިއްޔާއެއް ފޮނުއްވިއެވެ. އަދި އޭގެ އަމީރަކަށް އަބޫ ޢުބައިދާ ބިން އަލްޖައްރާޙް ލެއްވިއެވެ. ސަރިއްޔާގައި ތިބީ ތިންސަތޭކަ މީހުންނެވެ. އަހަރެންވެސް އޭގެ ތެރޭގައި ހިމެނުނެވެ. ދެން އަހަރެމެން ނުކުމެގެން ގޮސް، ވަކި ހިސާބަކުން އަހަރެމެންގެ ކޮއްތު ހުސްވިއެވެ. އެހިނދު އަބޫ ޢުބައިދާ، ލަޝްކަރުގައި ހުރި ހުރިހާ ކޮއްތެއް އަތުލައްވާ ޖަމާކުރެއްވިއެވެ. އަހަރެން ދިނީ ކަދުރެވެ. ދެން އެ ހުސްވަންދެން އަހަރެމެންނަށް މަދުމަދުން ކޮއްތުދެވުނެވެ. މީހަކަށް ލިބެނީ އެއް ކަދުރެވެ.''
ރާއްޖޭގައި އިސްލާމީ ޝަރީޢަތާއި އެއްގޮތަށް އިންޝުއަރެންސް ގެ ޚިދުމަތްދޭ ހަމައެކަނި ކުންފުނި ކަމަށްވާ އަމާނާ ތަކާފުލް
އަމާނާ ތަކާފުލް އަކީ ސްރީލަންކާގައި ހުންނަ މައި ކުންފުންޏެކެވެ. މިކުންފުނި އުފެދިގެން ދިޔައީ 1999 ވަނަ އަހަރު، މެލޭޝިޔާގެ ތަކާފުލް މެލޭޝިޔާ ކުންފުންޏާ ގުޅިގެންނެވެ އެއީ ދުނިޔޭގައި ހުރި އެންމެ ބޮޑު ތަކާފުލް ކުންފުންޏެވެ.
އަމާނާ ތަކާފުލް ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ އައީ 2003 ވަނަ އަހަރު. އެއީ އެޖެންސީ އޮފީހެއްގެ ގޮތުގައި. އޭރު މަސައްކަތްކުރަމުން ދިޔައީ އެހެން ދިވެހި ކުންފުންޏަކާ ގުޅިގެންނެވެ. ޕްރައިވެޓް ލިމިޓެޑް ކުންފުންޏަކަށް ބަދަލުވެ ވަކި ކުންފުންޏެއްގެ ގޮތުގައި ޙަރަކާތްތެރިވާން ފެށީ 2005 ވަނަ އަހަރުން ފެށިގެންނެވެ.
އަމާނާ ތަކާފުލްއަކީ އިސްލާމީ އުޞޫލަށް އިންޝިއުރެންސް ގެ ޚިދުމަތްދޭ ފަރާތެކެވެ.
ތަކާފުލްއާ ޢާއްމު އިންޝުއެރެންސްއާ ހުރި ތަފާތުތަކަށް ބަލާއިރު ތަކާފުލްގައި މީހުންއަތުން ލިބޭ ޕްރިމިޔަމް ކުންފުނީގެ ފައިސާއާ އެކެއް ނުކޮށްލާނެއެވެ. އެ ފައިސާ ހުންނާނީ ވަކި ޕޫލް ފަންޑެއްގައެވެ. މިއީ ރިސްކް ޓްރާންސްފާރ ކުރުމުގެ ނިޒާމެއް ނޫނެވެ. ނަމަވެސް ރިސްކް (ގެއްލުން) ގައި ޙިއްސާވުމުގެ ނިޒާމެކެވެ.
އޭގެ ތެރެއިން ބައިވެރިއަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އެބައިވެރިންގެ ޕޫލް ފަންޑުން އެގެއްލުން ލިބުނު ބައިވެރިއަކަށް ބަދަލު (ކޮމްޕެންސޭޝަން) ދެވޭނީއެވެ. އެހެންކަމުން ހުރިހާ ބައިވެރިންވެގެން ގެއްލުން ލިބުނު ބައިވެރިޔާއަށް އެ އެހީތެރިވެ ދެވުނީއެވެ. އެއީ ރިސްކު (ގެއްލުން) ގައި ޙިއްސާވާ ގޮތެވެ. ބަދަލު ދިނުމަށްފަހު، ޕޫލްގައި ފައިސާ އިތުރަށް ހުރެއްޖެ ނަމަ، ހުރިހާ ބައިވެރިންނަށް ބަހާލެވޭނެއެވެ. ނަމަވެސް ހުއްދަ ނޫން އިންސިޔުރެންސްގައި އެފައިސާ ބައިވެރިންނަކަށް ނުލިބޭނެއެވެ. އެފައިސާ ލިބިގަންނަނީ ކުންފުނިތަކަށެވެ އެހެންކަމުން، ބައިވެރިންނަށް އެންމެ ޚަރަދު ކުޑަވެފައި ފައިދާ ބޮޑުވާނީ ތަކާފުލްގައެވެ.ތަކާފުލްއިން ކުންފުންޏެއް ގޮތުގައި ޙަރެވެކާތްތެރިވަނީ މިކަންކަން އިދާރީ ގޮތުން ބަލަހައްޓާ ފަރާތެއްގެ ގޮތުގައެވެ. އަޅުގަނޑުމެންނަށް ލިބޭނީ އެކަމަށް ނަގާ ވަކި އަގެކެވެ.
މީގެ އިތުރުންވެސް ތަކާފުލްއިން ހުއްދަ ނޫން އެއްވެސް ގެއްލުމެއް ޤަބޫލެއް ނުކުރެއެވެ. މިސާލަކަށް، ރިބާއަށް ބަރޯސާ ވެފައިވާ ފައިނޭންޝިއަލް އިދާރާއެއްގެ ގެއްލުން، ނުވަތަ ޖުވާ، ނުވަތަ ރަލާބެހޭ ކަންކަންވެސް ޤަބޫލެއް ނުކުރެއެވެ. މނަމަވެސް ފަޔާރ އިންސިޔުރެންސް، ހަލް އިންސިޔުރެންސް އަކީ ތަކާފުލް އިން ޤަބޫލުކުރާ މުޢާމަލާތްތަކެކެވެ.
އަމާނާ ތަކާފުލް އިން ތިދެންނެވި އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރާ ކަމުގެ ގެރެންޓީއަކީ ކޮބައިތޯ؟
އަމަނަ ތަކާފުލް ކުންފުނީގައި ޝަރީޢާ ބޯޑެއް އޮވެއެވެ. އެބޯޑުގައި 5 ޢިލްމުވެރިން ތިއްބަވައެވެ. އޭގެ ތެރޭގައި ދިވެހި ޢިލްމުވެރިންވެސް ހިމެނޭ ގޮތުންނެވެ. އެބޭފުޅުން ކޮންމެ އަހަރަކުވެސް ޝަރީޢާ އޯޑިޓެއް ކުރައްވާނެއެވެ. އޭގެ އިތުރުންވެސް، ކުންފުނީގެ ކޮންމެ މުޢާމަލާތަކަށްވެސް އެޕްރޫވް ކުރެއްވުމުން އިސްލާމީ އުޞޫލްތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ މި ބޯޑޫން ބައްލަވައެވެ. އެހެންކަމުން ކޮންމެ މުޢާމަލާތެއްވެސް ކުރެވިގެން ދާނީ ޝަރީޢަތާ އެއްގޮތަށެވެ. އަދި އިންވެސްޓު ކުރާއިރު ޝަރީޢަތް ހުއްދަކުރާ ކަންކަމަށް އިންވެސްޓްކުރެވެއެވެ. އެހެންކަމުން ވިޔަފާރީގައި ބައިވެރިވެވޭ ބޭފުޅުންނަށް އިރާދަކުރައްވައިފިއްޔާ ފައިދާ ލިބިގެން ދާނީ ޙަލާލް ގޮތުގައެވެ.
ވިޔަފާރި އަމާންކުރުމުގެ ޢަޤުދަކީ، ޖާމިނުވުމަށް ބަދަލު އަތުލެވޭ ޢަޤުދެކެވެ. ޖާމިނުވުމަށް ބަދަލު އަތުލުމަކީ، ފިޤުހުވެރިންގެ އިޖްމާޢުން މަނާކަމެކެވެ. އެއީ އޭގައި ޙަރާމްކުރެވިފައިވާ ޣަރަރު ހިމެނޭތީއެވެ. ނަމަވެސް ބައިވެރިވާ އަމާންކުރުމަކީ، ޝަރުޢީގޮތުން ހުއްދަ ޢަޤުދެކެވެ. މި ޢަޤުދު ބިނާވަނީ، ހަމަހިލޭ އެއްޗެއް ދިނުމުގެ މައްޗަށެވެ. ފިޤުހުވެރިންގެ އިޖްމާޢުން މިއީ ހުއްދަކަމެކެވެ.
''ބައިވެރިވާ އަމާންކުރުމޭ" ނުވަތަ "އިސްލާމީ ތަކާފުލް" އޭ ކިޔާ ނަންބޯޑު އަޅުވައިގެން އުޅޭ ބައެއް ކުންފުނިތަކަކީ -ބައެއް ފަހަރު- ޙަޤީޤަތުގައި އެފަދަ ކުންފުނިތަކެއް ނޫނެވެ. އެއީ މަޅީގައި ޖައްސަން ބޭނުންކުރާ ތެރަހެކެވެ. މިހެން ބުނުމުގެ ބޭނުމަކީ ފަހަރެއްގައިވެސް، ޙަޤީޤީ އިސްލާމީ އަމާންކުރުމުގެ ޚިދުމަތްދޭ ކުންފުނިތަކާ މެދު، މީހުންގެ ހިތުގައި އޮންނަ އިތުބާރު ގެއްލުވާލުމެއް ނޫނެވެ.ބޭނުމަކީ، ދީނީ ކަންފުޅެއް ނެތް ކުންފުނިތަކުން، އިސްލާމީ އިޤްތިޞާދުގެ ތެރެއަށް ވަދެ، ނާޖާއިޒު ފައިދާ ނެގިޔަ ނުދިނުމަށާއި، ޢާއްމުން މި ކަމަށް ސަމާލުވެތިބުމަށް ހޭލުންތެރި ކުރުވުމެވެ. ވީމާ، އިސްލާމީ ޝަރީޢަތަށް ފެތޭ، އަމާންކުރުމުގެ ޚިދުމަތް ދެމޭ ބުނާ ކުންފުންޏަކުން ޚިދުމަތް ލިބިގަތުމުގެ ކުރިން، އެ މީހުން ހަދާ ޢަޤުދުތައް ބަލާ ރަނގަޅަށް ދިރާސާކުރާށެވެ. ބައިވެރިވާ އަމާންކުރުމުގެ މިންގަނޑުތަކަށް، އެ ފެތޭތޯ ބަލާ ވަޒަންކުރާށެވެ. ކުންފުނީގެ ފައިސާ މޭވާކުރަނީ، ކޮންކޮން ތަންތަނެއްގައި، ކިހިނެއް ކިހިނެއްތޯ ބަލާށެވެ. ރިބާ ބޭންކުތަކާއި، ޙަރާމް މަސައްކަތް ކުރާ ކުންފުނިތަކާއި، މަޝްރޫޢުތަކުގައި އެ ފައިސާ މޭވާ ނުކުރެވޭކަން ޔަޤީންކުރާށެވެ. އިސްލާމީ އުސޫލުތަކަށް ފެތޭ އަމާންކުރުމުގެ ޚިދުމަތްދޭ ކުންފުނިތަކާއި (ބައިވެރިވާ/ތަޢާވުނީ، ތަކާފުލު)، އިސްލާމީ ބޭންކުތަކުގައި، ޝަރުޢީ ކޮމިޓީއެއް އޮންނަންޖެހޭނެއެވެ. ވީމާ އަމާންކުރުމުގެ ޚިދުމަތް ލިބިގަންނަން އެ މީހުންގެ އޮފީހަށް ގޮސް، ޝަރުޢީ ކޮމިޓީއެއް އޮތްތޯ ބަލާށެވެ. އަދި އެ ކޮމިޓީގައި ތިބީ ޝަރްޢީ ކޮން ޢިލްމުވެރިންނެއްތޯ ބަލާށެވެ. ޝަރްޢީ ކޮމިޓީއެއް ނެތި، ބައިވެރިވާ އަމާންކުރުމުގެ ހަމަތަކާއި މިންގަނޑުތަކަށް ނުފެތޭ ބަޔަކު، އެ މީހުން އެ ކޮށްދެނީ، ދީނުގައި ހުއްދަ އަމާންކުރުމޭ ބުންޏަސް ޤަބޫލު ނުކުރާށެވެ.
No comments:
Post a Comment