Monday, 18 March 2013

އެއީ ކުޑަކުދިންނެވެ

އެއީ ކުޑަ ކުދިންނެވެ. ހެޔޮވިސްނުން ލިބިފައިނުވާ ޅަދަރީންތަކެކެވެ. ބާލާ ބެލުމަށް ހަށިގަނޑުގައި ކިތަންފެ ބިޔަކަމެއް ހުއްޓަސް ، ސޫރައިގައި ފުރިހަމަ ކަމެއް ހުއްޓަސް ، އެއީ ހަމަ ޅަފުރާއިގެ ކުދިންތަކެކެވެ. މުޖުތަމައުގައި އެކުދިންނަކީ  އެހެން އެއްވެސް ބަޔަކަށް ނުދޭވަރުގެ އަހައްމިއްޔަތު ކަމަކާއި ސަމާލުކަމެއް ދޭން ޖެހޭ ބައެއްކަން ކަށަވަރެވެ. އެހެނީ އެންމެ ފަސޭހައިން މަގުން ކައްސާލާގެން ދާނޭ ބަޔަކީ މިފުރާވަރުގެ ކުދިންކަން ކަށަވަރެވެ.

އެމެރިކާގެ ޗައިލްޑް ސައިކޯލޮޖީ އިންސްޓިޓިއުޓަކުން ކުރި ދިރާސާއަކުން ހާމަވާ ގޮތުގައި ފުރާވަރުގެ އަބާދީގެ 15 އިންސައްތަ އަކީ އެކުދިންގެ ތަރުބިއްޔަތުގައި ދިމާވަމުންދާ އެކިއެކި ނޭދެވޭ ކަންތައްތަކެއްގެ ސަބަބުން އެންޒައިޓީ ނުވަތަ ޑިޕްރެޝަން އަށް ވެއްޓޭ ކުދިންނެވެ. މީގެ ތެރެއިން ގިނަ ކުދިން ވަނީ އެކުދިންގެ އިޙްސާސުތަށް ބޮޓުލް ކުރުމުގެ ސަބަބުންނާއި ، އެކުދިންގެ ޝަކުވާތަކަށް ހައްލެ ނުލިބި ، އެންމެ ފަހުން ހަދާނޭ ގޮތް ހުސްވެ ، މަސްތުވާ ތަކެތީގެ ޝިކާރައަކަށް ވެގެންދާންޖެހިފައެވެ. އެއީ އެކުދިންގެ އެ ވޭނުން އެކުދިން ނެރެދޭނޭ އެހެން ބަޔަކު ނެތި، އަމެއްލަ އަށް މައްސަލަ ޙައްލުކުރަން އުޅުމުން އެޅޭ ޅައެއްޗެއްކަން ގައިމެވެ.

ޒަމާނާއިއެކު އައި ތަރައްޤީ މިކަމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ .ގިނަ ފަހަރަށް ތަރައްޤީގެ ތެރެއިން އެ ތަޢާރަފުވާ މާއްދީ ތަކެއްޗަށް އޮންނަ ދަހިވެތިކަން ބޮޑުވުމާއި ، އާއިލާއަށް ދޭންޖެހޭ އަޙައްމިއްޔަތު ކުޑަވުމާއި އޭގެ ސަބަބުން  އާއިލާ ރޫޅި، ބައްޕަ އެހެންނޫނީ މަންމަ އާއި ވަކިން ދަރީން އުޅެންޖެހުމަކީ އެކުދިންނަށް ނަފްސާނީ އެތަކެއް ފިއްތުން ތަކެއް ކުރިމަތި ކުރުވާ ކަމެކެވެ.

ކޮންމެ ކުއްޖަކުމެ މިދުނިޔެއަށް އަންނަނީ  ފަތަރަތުގެ ސާފު ސިދާ ކަމުގައެވެ. އެކުއްޖާއަކީ ދުނިޔެއަށް އުފަންވާއިރު މުޖުރިމެއް ނޫނެވެ. އެހެންކަމަށްވަނީނަމަ ، ބޮޑެތި ވަމުން އަންނަ ދަރީން ، ހުލްޤު ނުބައިވެ ، މާރާމާރީ ހިންގާ ، މަސްތުވާ ތަކެތީގެ ވަބަގައި މި ޖެހެނީ ކީއްވެގެންތޯ އަޅުގަނޑުމެނެ ވިސްނާލަން ޖެހެއެވެ.

ހަމަމިބީދައިން ،ކުއްޖާ ދުނިޔެއަށް އުފަންވަނީ ﷲ ގެ އިރާދަ ފުޅާއެކު އަންހެނަކާއި ފިރިހެނެއްގެ ފުށުންނެވެ. މިހެން ކަމަށް ވީހިންދު ، އެ ކުއްޖާ ބަލާ ބޮޑު ކުރުމަށްވެސް އަންހެނާއާއި ފިރިހެނާގެ ޒިންމާ ތަކެއްވާކަން ޔަޤީނެވެ. ރަނގަޅު ތަރުބިއްޔަތެއް ދީގެން ، އިސްލާމް ދީނާއި ދުނިޔެ އެ ކުއްޖާއަށް ދަސްކޮށްދިނުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. މި ޒިންމާ އަދާކުރުމަށް އެދެމީހުން ނުކުޅެދިއްޖެނަމަ ކުއްޖާއަށް އެކަމުގެ ސަބަބުން ކުރާނެ ނެދެވޭ އަސަރުތައް ވަރަށް ގިނަ ވާނެއެވެ.

މިހާރަކަށް އައިސް ދިވެހި މުޖުތަމައުގައި ވަރި ވަނީ ވަރަށް ގިނަ ވެފައެވެ. 2012 ވަނަ އަހަރު ކުރެވުނު ވަރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކުރެވޭކައިވެނީގެ ދެބައި ކުޅައެއްބައި ކައިވެނި ރޫޅިފައިވެއެވެ.މީގެ ތެރެއިން ކިތަށް ކައިވެންޏަށް ކުދިން ލިބިފައިވާނެބާވައެވެ. އެކައިވެނި ތަށް ރޫޅުމުން  އެކުދިންތަކަށް ވެދާނެ ގޮތަކާއި މެދު އެ ދެމަފިރީން އެއްވެސް ވަރަކަށް ވިސްނަލާތޯއެވެ.

ސޮސައިޓީ ފޮ ޕާސަނަލިޓީ އެންޑް ސޯޝަލް ސައިކޮލޮޖީ ( އެމެރިކަން އިންސްޓިޓިއުޓް )  އިން ހިންގި ދިރާސާއެއްގައި ހޯދިފައިވަނީ މައިވަންތަ ކަމުގެ ލޯތްބަކީ ކުއްޖާއާއި މަންމަ އާއި އޮންނަ ޙާއްސަ ޤުޅުމެއްކަމަށް ވުމާއެކުވެސް ، ބައްޕައެއްގެ ލޯތްބަކީ ކުއްޖާއަށް ވަރަށް އަޤުހުރި އެއްޗެއްކަމެވެ .ޙާއްސަ ގޮތެއްގައި ފިރިހެން ދަރިފުޅަށް ބައްޕައެއްގެ ސަމާލުކަން ، އަދި އަންހެން ދަރިއަކަށް މަންމަ އެއްގެ ސަމާލުކަން ލިބިފައިއޮތުމެވެ.

މި ދިރާސާއިން ހޯދި ހޯދުންތަކުން ހާމަ ވަނީ ކުއްޖާގެ ޕަރސަލަނަލިޓީ ނުވަތަ އެޓިޓިއުޑް ބައްޓަންވުމުގައި އާއިލީ ޤުޅުންތަށް ވަރަށް ފުޅާ ދައުރެއް އަދަކުރާކަމެވެ. އާއިލާގެ ތެރޭގައި އެކުއްޖާ އެކަހެރިވުން ، އަޅާލުން ކުޑަވުން ނުވަތަ ރިޖެކްޝަން އަކީ އެކުއްޖާގެ  އަޙްލާގު އަށް ނުހަނު ބޮޑެތި އަސަރުތަކެއް ފޯރުވާ ކަމެކެވެ. އެކުއްޖާގެ އަމަލުތަށް ގޯސްވެ ، ވައިލަންޓް ވަނީ ގިނަފަހަރަށް މި ސަބަބާހުރެއެވެ.

ވިސްނާލަމާތޯއެވެ. ކުއްޖާގެ އުމުރުން 08 އަހަރާއި 18 އަހަރާއި ދެމެދުގައި އެކުއްޖާއަށް ތަބިއީ، ޖިސްމާނީ އަދި ނަފްސާނީ އެތަކެއް ބަދަލުތަކެއް އާދެއެވެ. ކަންތައްތަކާމެދު ހިޔާލު ކުރެވެންފެށި އެކަންތަށްތަކާއި މެދު " ކިއުރިއަސް" ވާން ފަށަނީ މި ބުނެވުނު އުމުރުފުރާގެ ކުދިންނެވެ. ސައިކޮލޮޖީގެ މާހިރުން ބުނާގޮތުގައި މިއުމުރުފުރާގައި އެކުއްޖާއަށް ބޭނުންވާ އަޅާލުމާއި ސަމާލުކަން ނުދެވިއްޖެނަމަ ، އެކުދިންގެ ހެދިބޮޑުވުން ، އެއީ ނަފްސާނީ ވިޔަސް ،ޖިސްމާނީ ވިޔަސް، އަސަރުތަކެއް ކުރެއެވެ. ސަބަބެއްކަމުގައި ވަނީ ޖިސްމާނީތަދުތަށް ފިލާ ދާއުސޫލުން ، އެކަހެރިކޮށްލުމުގެ ސަބަބުން ލިބޭ މެންޓަލް ޕެއިން އެތަށް ގޮތަކަށް އެތަށް އަސަރުތަކެއް ފޯރުވަ ފޯރުވަ ހުރުމެވެ. މީގެ ނަތީޖާއަކަށް ދެންވެދަނީ އެކުދިން މުޖުތަމަޢަށް ނުކުންނައިރު ، އެކުދީންގެ ތަބިއްޔަތުގައި އެއްވެސް ލޯތްބެއް ނުވަތަ ރަހުމެއް އަށަގަނެވިފައި ނުވުމާއި، މީހުންގެ ތެރޭގައި އެކުދިންނަށް އުޅެން ނޭންގުމައި ހެވައިނުބައި ވަކިވިޔަސް ،ޙުލްޤުނުބައި މުޖުރިމުންތަކަކަށް އެކުދިން ބަދަލުވެގެން ދިއުމެވެ.

މިކަމުގައި ކުއްވެރިންނަކީ ކޮންބައެއް ބާވައެވެ. ކުށެއްކުރުމުން ކުއްކުރާ މީހާއަކީ ކުއްވެރިޔާއެވެ. މިއީ އެންމެންވެސް ދަންނަ ހަޤީގަތެކެވެ. އެހެނެއްކަމަކު ، ކުޑަކުދިން ކުށަށް ހުށަހެޅުގަތުމުން އެކުދިން އެކުށް ކުރަނީ ނުވަތަ ކުށަށް ހުށަހެޅުގަންނަނީ ކޮންކޮން ސަބަބު ތަކަކާހުރެތޯ ސުވާލު ކޮށްލުން މުހިންމެވެ..

އަދިވެސް މިދިރާސާއިން ހާމަވިގޮތުގައި ގިނަފަހަރަށް މިހެންވެގެންދަނީ ފިރިހެންކުދިންނަށެވެ. ފަރަންސޭސި ވިލާތުގެ ސައިކޮލޮޖިސްޓެއް ކަމަށްވާ ލޮލިޑް ލެ މެޑުސްކީ ކުރި ދިރާސާ އަކުން ހޯދިފައިވަނީ އާއިލާގެ ތެރޭގައި ވަރަށް ގިނައިން ފިރިހެންކުދިން އެކަހެރި ކޮށްލާފައި ބެހެއްޓޭކަމެވެ. ފިރިހެންކުދިނަކީ އަބަދުވެސް ޖިސްމަނީ ގޮތުން ވަރުގަދަ ބައެއްކަމަށް ވިސްނިފައިވުމާއެކު ، ގިނަ އާއިލާ ތަކުގައި މަންމައިން ، ފިރިހެންކުދިންނަށް ބައެއްކަހަލަ ސަމާލުކަން ދިނުމުގައި އިޙްމާލުވެއެވެ. އެކުދިން ބޮޑުވެގެން އަންނައިރު އެކުދިންގެ އިޙްސާސުތަށް ހިއްސާ ކުރުމުގައި މަންމައިންނަށް ވެވޭ އިޙްމާލާއި ، އެކުދިންގެ ވެސް އިމޯޝަނަލް ނީޑްސް ތަކެއް ހުންނާނެކަން ދެނެގަނެ އެކުދިންނާއެކު އަންހެންކުދިން ފަދައިން ވަޤުތު ހޭދަކުރުން ފަދަ ކަންތައްތަކުން އެކަހެރި ވުމުގެ ނަތީޖާއަކަށްވަނީ އެކުދިން ބޮޑެތި ވަމުން އަންނަ އިރު ޑިފެންސް މެކޭނިޒަމް އެއް ބިނާކުރުމެވެ. ފިރިހެންކުދިންނަށް ޖިސްމަނީ އަނިޔާކުރުމާއި ، އެކުދިންނަކީ އަބަދުވެސް "ގަދަ" ބައެއްކަމަށް ދެކި އެކުދިންގެ ޖަޒްބާތުތަކަށް ނުވަތަ އިމޯޝަލް ނީޑްސް ތަކަށް އެޓެންޑް ނުކުރެވުމުގެ ސަބަބަކަށް ވަނީ އެކުދިން އެކުދިންގެ އިމޯޝަންތަށް ފޮރުވުމެވެ. ތަދުއިހްސާސުވުން، ރުއިން ، އަދި އެހެންކަހަލަ ޖަޒްބާތުތަށް ހިތުގެ އަޑީގައި ފޮރުވުމުގެ އާޙިރު ނަތީޖައަކަށް ވެގެންދަނީ އެކުދިން ޑިފެންސް މެކޭނިޒަމް އަކަށް ވައެލެންސް އެޑޮޕްޓް ކުރުމެވެ.

މިކަން އެއްކިބާ ކޮށްފައި ދެން ދިވެހި މުޖްތަމައަށް ވިސްނާލަމާތޯއެވެ. ދިވެހިންގެ ހިޔާލާއި ފިކުރު ބައްޓަންވެފައިވާ ގޮތުން އާއިލާއެއްގައި މަންމަ އާއި ދަރިފުޅާ ދެމެދު އޮންނަން ޖެހޭ އެ ޙާއްސަ ގުޅުން ނުވަތަ ދަރިފުޅާއި ބައްޕަ އާއި ދެމެދު އޮންނަންޖެހޭ ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދެއެވެ. އެންމެ ކުޑައިރުއްސުރެއް ދަރިންނާއި މައިންބަފައިން އެކުދިންނަށް ދިމާވާ އެކި އެކި ކަންތައްތަކުގެ ވާހަކ ދައްކަ އެކުދިންގެ އިހްސާސުތައް ހިއްސާ ކުރުމަކީ އެދެމެދުގައި އެ އުފެދޭ ހުރަސްތަކާއި ޖެހިލުންވުންތައް ދުރުކޮށްދޭނޭ ކަމެކެވެ.

ޙާއްސަކޮށް އެކަނިވެރި މައިންނާއި ހުވަފަތް ފިރިން ، އެބައިމީހުންގެ ދަރިން ތަރުބިއްޔަތު ކުރުމުގައި އެކުދިންނަށް އެ ދޭންޖެހޭ އެޝުއަރެންސް ނުވަތަ ޔަޤީންކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއެވެ. އެހެނީ އެޔަޤީންކަމުގެ ސަބަބުން އެކުދިންނަށް ލިބޭ ނަފްސުގެ ސާބިތުކަން އިރުތުވެގެން ދެއެވެ. އެކުދިން ނަށް އިތުބާރު ކުރެވޭ ފަރާތެއްލިބި ، އެކުދިން އެކަނި ވެރި ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެންދެއެވެ.

ވިލިއަމް ޕޮލޮކް އޭނާގެ ފޮތުގައި ލިޔެފައިވާ ލިއުމެއްގައި ބަޔާންކޮށްފައިވެއެވެ. ފުރާވަރުގެ ކުދިންނާއި އެކުދިންނަށް ދިމަވާ އެކިއެކި ކަންތައްތަކާމެދު ވާހަކަ ދައްކާ އެކުދިންގެ އިޙްސާސު ތަކާބެހޭގޮތުން މަޝްވަރާކޮށް ހެދުމަކީ އެކުދިންނަށް ލިބޭނެ ވަރަށް ބޮޑު ހިއްވަރެކެވެ. އެކުދިން ކުރާ ކަންތައްތަކަށް ފާޑުކިއުމުގެ ބަދަލުގައި އެކަންތައްތަކާއިމެދު މަޝްވަރާކޮށް އެކަންތަކުގެ ކޮންސިކުއެންސާރސް ( ކަމެއްކުރުމުން އެކަމުން ނިކުމެދާނެ ނަތީޖާ )  އަކީ ކޮބައިކަން ބުނެދީ ހެދުމުން އެކަންތައްތަކަށް ރެސްޕޯންޑް ކުރަން އެކުދިންނަށް ފަސޭހަވެގެންދެއެވެ. ހާއްސަގޮތެއްގައި ފިރިހެންކުދިންނަށް އެކުދިންގެ ޖަޒްބާތުތަށް މެނޭޖްކުރަން ދަސްކޮށްދިނުނުމަކީ ވަރަށް މުހިންމުކަމެކެވެ. އެހެނީ ޤުދުރަތީގޮތުންވެސް ފިރިހެންކުދިންނަކީ ކަންކަމުގައި ރުޅި އިސްކޮށް ، ކަންތައްތަކާއިމެދު އަމަލު ކުރުމަށް އަވަސްވެ ގަންނަ ކުދިންނެވެ. ވުމާއެކު އެކުދިންނަށް ބޭނުންވަނީ އެމްޕަތީއެވެ. ގުޅުންބަދަހިކުރުމާއި ، އެކުވެރިކަން އާލާކުރުމާއި ،މަޝްވަރާކުރުމަކީ އެކުދިންނަށް ވަރަށް މުހިންމު ކަމެކެވެ.

އަދިވެސް ޕޮލޮކްގެ ފޮތުގައި އޭނާ ލިއުއްވާފައިވަނީ މައިންބަފައިން އެކުދިންދެކެ ލޯބި ވާނނޭކަމާއި އެކުދިން ކުރާ ކަންތައްތަކުގައި ބައިވެރިވެ އެއްބާރުލުންދީ ، ހިއްވަރުދޭނެ ކަމުގެ ޔަޤީންކަން ތަކުރާރުކޮށް އިހްސާސުކޮށްދިނުމަކީ ކުދިންނަށް ލިބޭނޭ ވަރަށް ބޮޑު ހިއްވަރަކާއި ޖޯޝެއް ކަމެވެ.
މިއީ ތެދެއްނުންތޯއެވެ.

ދިވެހި މުޖުތަމައުގައި މިއީ މަދުން ފެންނަ މަންޒަރެކެވެ. ކުއްޖާއާއި މައިންނާއި ދޭތެރޭ އޮންނަ ގުޅުން ބަދަހި ކުރުމަކީ މުހިންމުކަމެކެވެ. އޭގެ ސަބަބުން މުޖުތަމައަށް ނިކުންނާނީ ނަފްސަށް އިތުބާރުކުރާ ، ޝަހުސިއްޔަތު ވަރުގަދަ ، ޙުލްޤުހެޔޮ ދިވެހި ދަރީންތަކެކެވެ. 
ފުރިހަމަ ތަރުބިއްޔަތަކީ ކުރިމަގުގެ ބިންގާއެވެ.



No comments:

Post a Comment